ރެފްރީ ނިއުޝާދަށް ސޮބާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް!

ވެލެންސިއާގެ ކޯޗު ސޮބާ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެސްޓީއޯ މާލޭ ލީގުގައި ރޭ ކްލަބު ވެލެންސިއާ އާއި ކްލަބު އީގަލްސް ކުޅުނު މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވެލެންސިއާގެ ކޯޗު، ސޮބާހު މުހައްމަދު (ސޮބާ) ވަނީ މެޗުގެ ރެފްރީކަން ކުރި ނިއުޝާދު މުހައްމަދަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

"މެޗުތަކަށް އަރާ ރެފްރީންނާ ދޭތެރޭ ތަންކޮޅެއް ސީރިއަސްކޮށް ވިސްނަން އެބަޖެހޭ. މެޗު ބެއްލެވި އެންމެ ބޭފުޅުންނަށްވެސް އެނގޭނެ. ރެފްރީ އަރާ ސެންޓާ ސާކަލް ތެރޭގައި ހިނގާލަ ހިނގާލަ. އޭނަ ޑެސިޝަން ނަގަންވީމަ ނަގަނީ. އަޅުގަނޑުމެން މިތަނަށް މި އަންނަނީ ދެއިރު މަސައްކަތްކޮށްފައި، ލާރިތަކެއް ހަރަދުކޮށްގެން، ރެފްރީ ހަމަ މިގޮތަށް ނިންމުންތައް ނިންމާލީމަ މިއީ ވަރަށް ބޮޑެތި ގެއްލުން. މިދިޔަ އަހަރުވެސް އެތައް މައްސަލައެއް ހުރެގެން ސަސްޕެންޑް ކުރި ބޭފުޅެއް އޭނައަކީ، އަނެއްކާ ގެނެސް އޭނަ މިއަރުވަނީ،" ޕޯސްޓް މެޗު ޕްރެސްގައި ސޮބާ ބުންޏެވެ.

ރޭގެ މެޗަށްފަހު ސޮބާ ނޫސްވެރިންނާ ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ އަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ސޮބާގެ ކޯޗުކަމުގެ ދަށުގައި ކުޅުނު ކްލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގައި ރެފްރީ ނިއުޝާދުގެ ނިންމުންތަކާ ހިތްހަމަ ނުޖެހިގެން، ގްރީނުން ރެފްރީ ނިއުޝާދު ލައިގެން މެޗު ކުރިއަށް ގެންދަން ބޭނުން ނުވުމުން އެ މެޗު ނިންމާލަން ޖެހުމާއެކު އެފްއޭއެމްއިންވަނީ ނިއުޝާދު ސަސްޕެންޑް ކޮށްފައެވެ.

ދިވެހި ޕްރިމިއާ ލީގުގައި ގިނަ ކްލަބުތަކަކުން ތަކުރާރުކޮށް ނިއުޝާދުގެ މައްސަލަތަކެއް ހުށަހަޅާފައިވާތީ އެ މައްސަލަތައް އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމަންޓުން ބަލައި، ވަކި ގޮތެއް ނިންމަންދެން އެ އެސޯސިއޭޝަނުން ހިންގާ އެއްވެސް މުބާރާތެއްގެ ރެފްރީކަން ނުކުރެވޭ ގޮތަށް އޭނާ ވަގުތީ ގޮތުން ސަސްޕެންޑްކުރި ނަމަވެސް އެފްއޭއެމްއިން ފަހުންވަނީ އޭނާގެ ސަސްޕެންޝަން އުވާލައިފައެވެ.

އެސްޓީއޯ މާލޭ ލީގުގައި ވެލެންސިއާއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: ރޭގެ މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

"އޭނާގެ ފިޒީކް ހުރިގޮތުން އެނބަ އެނގޭ އޭނާ ފިޓް ނޫންކަން. ހަމަ ހިނގާލަ ހިނގާލާ. އެބަ ޖެހޭ ތަންކޮޅެއް ފިޓް. މި އިންޓެންސިޓީގައި އެކަން ކުރެވޭ މީހަކު އެތަނަށް ލެވެން. އެހެން ނޫނީ މިކަން މިގޮތަށް ނުކުރިއްޔާ ރަނގަޅުވާނީ. ރެފްރީ ނުލާ ކުޅުނަސް ރަނގަޅުވާނެ. އޭރުން ކޮންމެވެސް އެއްބައެއް މޮޅުވާނެ ތަޅާ ފޮޅައިގެންވެސް،" ރޭގެ މެޗަށްފަހު ސޮބާ ބުންޏެވެ.

ސޮބާ ބުނީ މިދިޔަ އަހަރު އޭނާ ހަވާލުވެ ހުރި ގްރީންގެ ދެ މެޗެއް ނިއުޝާދުގެ ސަބަބުން ހަލާކުވި ކަމަށެވެ.

"ކޯޗެއްގެ ހައިސިއްޔަތުން ވަރަށް ޑިސަޕޮއިންޓެޑް. މިއަހަރުވެސް މި ޖެހެނީ އަނެއްކާ މި ރެފްރީގެ ވާހަކަ ދައްކަން. މިދިޔަ އަހަރުވެސް ހަތަރު މެޗެއްގައި މީނަގެ ވާހަކަ އޮތީ ދެއްކިފައި. ގްރީންގެ ދެ މެޗު ހަލާކުކޮށްލި،" ސޮބާ ބުންޏެވެ.

"މިވާހަކަ މި ދައްކަނީ އެއްވަރު ވީމަކާއެއް ނޫން. ކުޅުމާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ. އެކަމަކު މިކަހަލަ އޮފިޝަލުން ލައިގެން މިކަން ކުރުމަކީ ވަރަށް ހިތާމަ ހުރި ކަމެއް. ނެގޭނެ ގޯސް ޑެސިސަންވެސް. އެކަމަކު ކޮންމެ އެއްޗެއް، ކޮންމެ އެއްޗެއް ދިޔައިމަ އެއީ މައްސަލައެއް. ވަރަށް ބޮޑު މަސައްކަތް ކޮށް މިތަނަށް އައިސް، އެންމެ މީހެއްގެ ސަބަބުން މުޅި ދުވަސް އެއްކޮށް ހަލާކުވާންވީމަ މިއީ ވަރަށް ގޯސްކަމެއް. މިކަމާ ވިސްނަންވެއްޖެ އެފްއޭއެމްއިން،" ސޮބާ އޭނާގެ ފަހު ބަހެއް ގޮތުން ފާހަގަކުރިއެވެ.

comment ކޮމެންޓް