ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހޯޕް ހިކްސް އިސްތިއުފާ ދެއްވައިފި

ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހޯޕް ހިކްސް ވަނީ އިސްތިއުފާ ދެއްވާފައި -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (މާޗް 1): އެމެރިކާގެ ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އަދި ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ އަރިސް މުޝީރުންގެ ތެރޭގައި ހިމެނޭ ހޯޕް ހިކްސް އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ހިކްސް އަކީ ޓްރަމްޕް ސަރުކާރުގެ ހަތަރު ވަނަ ކޮމިއުނިކޭޝަންސް ޑިރެކްޓަރެވެ. މީގެ ކުރިން މައިކް ޑަބްކީ އާއި ޝޯން ސްޕައިސާ އާއި އެންތަނީ ސްކަރަމޫޗީ ވަނީ އެ މަގާމު ފުރުއްވައިފަ އެވެ.

ނަވާވީސް އަހަރުގެ ހިކްސް އިސްތިއުފާ ދެއްވީ، ވައިޓް ހައުސްގައި އޭނާ އަށް ކުރެވެން އޮތް ހުރިހާ ކަމެއްކޮށް ނިމުމުން ކަމަށް ހިކްސް ވިދާޅުވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އަދި ވައިޓް ހައުސްގެ ތަރުޖަމާނު ސާރާ ސޭންޑާސް ވަނީ ހިކްސް އިސްތިއުފާ ދެއްވީ ގާނޫނު ހަދާ މަޖިލީހުގެ އިންޓެލިޖެންސް ކޮމިޓީއަށް އޭނާ ދެއްވި ހެކި ބަހުގެ ސަބަބުން ނޫން ކަމަށް ވިދާޅުވެފަ އެވެ.

ރަޝިއާ އިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި މައްސަލަ ބަލަމުންދާ އެކޮމިޓީގައި ހިކްސް ވަނީ ރައީސް ޓްރަމްޕް ދިފާއު ކުރައްވައި 'ކުދި ދޮގުތަކެއް' ހެއްދެވި ކަމަށް އިއުތިރާފު އެވެ. ނަމަވެސް އެމައްސަލައާ ބެހޭ އެއްވެސް މުހިއްމު މައުލޫމާތަކާ ބެހޭ ގޮތުން އިތުރުފުޅު ނަހައްދަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ ރިޔާސީ ކެމްޕެއިންގައި ހިކްސް ވަނީ ޕްރެސް ސެކްރެޓަރީގެ މަގާމު އަދާ ކުރައްވައިފަ އެވެ. (ބީބީސީ)

comment ކޮމެންޓް