ވިސްނުންތެރި މުސްލިމަކީ ތިމާގެ ވަށައިގެންވާ ކަންތައްތަކުން ފައިދާހޯދާމީހާއެވެ. އެއީ ޢިލްމީ ގޮތުންނާއި ޢަމަލީ ގޮތުންނެވެ. އީމާންކަމާއި ޢަޤީދާގެ ގޮތުންނެވެ. ބަޙުޘްތަކާއި ދިރާސާތަކުންނެވެ. އަދި މާތް ﷲ ޚަލްޤު ކުރައްވާފައިވާ މަޚުލޫޤުންގެ ކަންތައްތަކާމެދު ތިމާގެ ލޮލުންބަލައި ސިކުނޑިން ވިސްނައިގެންނެވެ.
މިގޮތަށް ޢަމަލުކުރެވިއްޖެނަމަ، ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން ލިބިގެންދާނެއެވެ. އެހެނީ ދީން ބިނާވެގެންވަނީ ޢިލްމާއި ހިދާޔަތުގެ މައްޗަށެވެ. ދެމިހުންނަނިވި ހެޔޮކަމަކީ އެއީއެވެ.
ޢިލްމެއްނެތި ކުރާ ޢަމަލަކުން ފައިދާއެއްނެތެވެ. ހަމައެފަދައިން ޢަމަލުނުކުރާ ޢިލްމަކުން ވެސް ފައިދާ އެއްނެތެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވާ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ހެޔޮ ޢަމަލުކުރަން އެންގެވިއެވެ. ޢިލްމާއި އެޢިލްމުތައް ދެނެގަންނާނެ ބުއްދި އިންސާނާއަށް ދެއްވިއެވެ. އަދި ޢިލްމުދެއްވީ އެއާއި އެއްގޮތަށް ޢަމަލުކުރުމަށްޓަކައެވެ.
ވީމާ ދުނިޔޭގައި ކުރާ ހެޔޮޢަމަލުގެ ސަބަބުން ބާރާއި ޢިއްޒަތްތެރިކަން ލިބިގެންދެއެވެ. އެއީ ޢިލްމީ ތަޖުރިބާތަކުގެ އަލީގައި ދިރާސާތައްކޮށް އޭގެ ބޭނުން ހެޔޮގޮތުގައި ހިފައިގެންނެވެ. ގުދުރަތީ ވަޞީލަތްތަކާމެދު ހޯދާބެލުމުންނެވެ. އެގޮތަށް ޢިލްމާއި ޢަމަލު ސީދާކޮށްގެންނެވެ.
ޤަޥްމުކުރިއެރުމާއި ފަހަތަށް ދިޔުން ބިނާވެފައިވަނީ ޢިލްމުގެ މައްޗަށެވެ. ޢިލްމަކީ އޭގެ އަސާސާއިމެދު ބިރުވެތިވާ އެއްޗެކެވެ އިންސާނަކު އީމާންކަމާއި ޢިލްމުވެރިކަން އެއްކޮށް ލިބިގެންފި ނަމަ އަޅުތަކުންގެ ވެރިރަސްކަލާގެ އެދިވޮޑިގަންނަވާ ޙަޤީޤީ މުރާދު ޙާޞިލު ވާނެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ." ﷲ އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުތަކުންގެ ތެރެއިން ޢިލްމުވެރިންނެވެ."
އިސްލާމްދީން އަޅުގަނޑުމެންނަށް ބާރުއަޅަނީ ޢިލްމީ ދިރާސާތަކާއިގެން ކުރިއަށް ދިޔުމަށެވެ. އެއީ އިސްލާމްދީނަކީ ހައްދަވާފައިވާ ތަކެއްޗާމެދު ވިސްނާ ފިކުރު ކުރުމަށް ގޮވާލާ ދީނަކަށް ވާތީއެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ."އަދި ތިޔަބައިމީހުން ހެއްދެވުމުގައްޔާއި، އެކަލާނގެ ފަތުރުއްވާފައިވާ )އެންމެހާ( ދިރޭތަކެތީގައި ޔަޤީން ކުރާ ބަޔަކަށް ހެކިތަކެއް ވެއެވެ." އަދިވެސް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ." ރަޙުމާނު ވަންތަ ރަސްކަލާނގެ )އެތަކެތި( ހެއްދެވުމުގައި އެއްވެސް އުނިކަމެއް ތިބާއަށް ނުފެންނާނެތެވެ."
ކީރިތިޤުރްއާނުގައި މިފަދަ ވަރަށް ގިނައާޔަތްވެއެވެ. މިއާޔަތްތަކުގައި މާތްﷲ سبحانه وتعالى ބަޔާންކުރައްވާފައިވަނީ އެކަލާނގެ جلال ވަންތަކަމާއި އެކަލާނގެ އެންމެ ހައިތަކެތި އުފެއްދެވީ އިންސާނާގެ ލުއިފަސޭހައަށްޓަކައި ކަމެވެ. އިންސާނާ އޭނާގެ ދިރިއުޅުމުގެ ޙަޔާތް ތަނަވަސް ކުރުމަށްޓަކައެވެ.