ގާތްތިމާގެ ކަމުގެ ގުޅުންތައް ޤާއިމުކުރުމުގެ މުހިންމުކަން

މާތް ﷲ އެކަލާނގެ ރަސޫލާ މުޙައްމަދުގެފާނު ފޮނުއްވި ރިސާލަތަކީ އިޖުތިމާޢީ ރިސާލަތެކެވެ. އަޚްލާޤާއި ދީނާ ގުޅުވައިދީފައިވާ ރިސާލަތެކެވެ. އަޅުކަމާއި ޙަޔާތާ ގުޅުވައިދީފައިވާ ރިސާލަތެކެވެ. މީސްތަކުން އެއްބަޔަކު އަނެއްބަޔަކަށް ލޯބިކުރުމަކީ، މާތް ﷲ އެބައިމީހުން ދެކެ ލޯބިވެވޮޑިގެންވުމުގެ ސަބަބެއްކަމުގައި ބަޔާން ކުރައްވާފައިވާ ރިސާލަތެކެވެ. އިންސާނީ ގުޅުންތަކަށް ބަލާއިރު އެންމެ މަތިވެރި ގުޅުމަކީ އީމާންކަމުގެ ގުޅުމެވެ. އަމާންކަމާއި ޢަހުދުކަށަވަރުގެ ގުޅުމެވެ. އަވައްޓެރިކަމުގެ ގުޅުމެވެ. މެހެމާނުންނަށް ކަމޭހިތުމުގެ ގުޅުމެވެ. ރަޙިމުގެ ގުޅުމެވެ. ގާތްތިމާގެ ކަމުގެ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަކީ އިސްލާމްދީނުގައި އެންމެބޮޑަށް ލާޒިމު ކުރައްވާފައިވާކަމެވެ.

އިސްލާމްދީނުގައި ގާތްތިމާގެކަމުގެ ގުޅުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވެއެވެ. މިއީ އިންސާނީތާރީޚުގެ ވަރަށް އަޑިޔަށް މޫލާފައިވާ ގުޅުމެކެވެ. އިންސާނާ އެހެންމީހުންނަށްޓައި ކުރާ ހެޔޮކަންތައް އޭނާގެ ގާތްތިމާގެމީހުން އެކަމަށް ބޭނުން ޖެހިފައި ތިއްބާ، އެމިހުންނަށް އެކަން ފުރިހަމަނުކޮށްދީ ކުރިކަމުގައި ވިޔަސް މާތް ﷲ އޭނާގެ ކިބައިން ޤަބޫލެއް ނުކުރައްވައެވެ.

މާތް ﷲ އެމީހަކަށް ގާތްތިމާގެ ކަމުގެ ގުޅުންތައް ޤާއިމު ކުރުމުގެ ތަޥްފީޤު ދެއްވައިފިނަމަ، އެމީހަކީ ކާމިޔާބީއާއި ބާއްޖަވެރިކަން ލިބިގެންވާ މީހެކެވެ. މާތް ﷲ ގެ އެކަލާނގެ ގުޅުންތައް އޭނާއަށް ޤާއިމުކޮށް ދެއްވާނެއެވެ. އަދި ތަނަވަސް ދިރިއުޅުމާއި، އޭނާގެ ޢުމުރުގައި ބަރަކާތް ލައްވާނެއެވެ. ގާތްތިމާގެ ކަމުގެ ގުޅުންތައް ކަނޑާމީހުންނަށް ކީރިތި ޤުރްއާނުގައި ވަނީ ޥަޢީދުގެ ބަސްފުޅުތަކުން އިންޒާރު ކުރައްވާފައެވެ. މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. ފަހެ، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ، )ކުރިއެކޭ އެއްފަދައިން( ތިޔަބައިމީހުން ބިމުގައި ފަސާދަކޮށް، އަދި ތިޔަބައިމީހުން ގާތްތިމާގެ ކަމުގެ ގުޅުންތައް ކަނޑައިފުމަށް ތިޔަބައިމީހުން ގާތްވެގެންވޭ ނޫންހެއްޔެވެ؟ އެއުރެންނީ އެއުރެންނަށް ﷲ ލަޢްނަތް ލެއްވި މީހުންނެވެ. ފަހެ، އެކަލާނގެ އެއުރެން ބީރު ކުރައްވައި، އަދި އެއުރެންގެ ލޯތައް ކަނު ކުރެއްވިއެވެ." (މުޙައްމަދު 22-23)

އެހެންކަމުން ބަރަކާތްތެރި ރަމަޟާން މަހުގައި ގާތްތިމާގެ ކަމުގެ ގުޅުންތައް ޤާއިމުކޮށް ގާތްތިމާގެ މީހުންނަށް ހެޔޮކަން ފޯރުކޮށްދޭށެވެ. ކީރިތިރަސޫލާ ޙަދީޘް ކުރައްވާފައިވަނީ މިފަދައިންނެވެ." ތިމާގެ ރިޒުޤު ތަނަވަސްވެ، އަދި ތިމާގެ އަސަރުތައް ގިނަދުވަހަށް ދެމިހުރުމަށް އެދޭ މީހާ ގާތްތިމާގެ ކަމުގެ ގުޅުންތައް ޤާއިމުކުރާހުށިކަމެވެ."
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު