ދެ ޖިންސުގައި ވެސް ތަފާތު ޚާއްޞިއްޔަތު ތަކެއް ލައްވާފައިވެއެވެ

މާތް ﷲ އަންހެނުންނާއި ފިރިހެނުން ހައްދަވާފައިވަނީ ތަފާތު ސިފަތަކެއް ދެއްވުމަށްފަހުއެވެ. ދެޖިންސުގައިވެސް ތަފާތު ޚާއްޞިއްޔަތު ތަކެއް ލައްވާފައިވެއެވެ. ތަފާތު ވަކިކަންތައްތަކެއް ނުވަތަ ވަޒީފާތަކެއް ކަނޑައަޅުއްވާފައިވެއެވެ. ޙަޔާތުގެ މަޤްޞަދު ކާމިޔާބު ކުރުމަށްޓަކައި ކޮންމެ ބަޔަކުވެސް އެބައެއްގެ މަސްއޫލިއްޔަތު އަދާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ އިންސާނީ ނައުޢަށް ފުރިހަމައަށް ރައްކާތެރި ވުމަށްޓަކައެވެ. އެއްވެސް ކަހަލަ އޮޅުން ބޮޅުމެއް އެކަމުގައި ނުވުމަށްޓަކައެވެ. ފިރިހެނުންނަށް ޓަކައި ލައްވާފައިވަނީ ހުރިހާ ބުރަ އުނދަގޫ މައްސަލަތަކާއި ކަންތައްތަކެވެ. އަންހެނުންނަށްޓަކައި ލައްވާފައިވަނީ ލުއިފަސޭހަ ކަންތައްތަކެވެ.

އެހެންކަމުން އެއްޖިންސެއްގެ މީހުން އަނެއްޖިންސަކަށް ނިސްބަތްވުން މަނާކުރެއްވިއެވެ. އެއީ ވާހަކަ ދައްކާ ގޮތާއި، ހެދުން އަޅާ ގޮތާއި، ހިނގުމާއި އެނޫންވެސް ދިރިއުޅުމުގެ ތަފާތު ކަންތައްތަކުގައެވެ. އިބުނު ޢައްބާސްގެ އަރިހުން ރިވާވެގެން އައިސްފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ." އަންހެނުން އުޅޭގޮތަށް އުޅޭ ފިރިހެނުންނާއި ފިރިހެނުން އުޅޭ ގޮތަށް އުޅޭ އަންހެނުންނަށް ލަޢްނަތް ހުރިކަމަށް ކީރިތި ރަސޫލާ ބަޔާން ކުރެއްވިއެވެ."

ޠަބަރާނީގެ އަރިހުން ރިވާވެގެން އައިސްފައިވާ ބަސްފުޅެއްގައި ވެއެވެ. އަންހެނަކު ދުނިދަނޑިއެއް ކޮނޑުގައި އަޅުވައިގެން ކީރިތި ރަސޫލާގެ އަރިހުން ދަނިކޮށް ފެނިވަޑައިގެން ޙަދީޘް ކުރެއްވިއެވެ." އަންހެނުން އުޅޭގޮތަށް އުޅޭ ފިރިހެނުންނާއި ފިރިހެނުން އުޅޭ ގޮތަށް އުޅޭ އަންހެނުންނަށް މާތް ﷲ ލަޢްނަތް ލެއްވިއެވެ."

މާނައަކީ އެފަދަ މީހުން ވަނީ މާތް ﷲ ގެ ރަޙުމަތުން ބޭރު ކުރެވިގެންނެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިފަދަ ވަރަށް ގިނަ މިސާލު ތައް ފެންނަމުން ދެއެވެ. ދީނުގެ ފިޠުރަތާ ޚިލާފަށް ފިރިހެނުންވެސް ނިސްވާނީ ޖިންސުގެ ތަފާތު ޙަރަކާތްތައް ކޮޕީ ކުރާތަން ފެންނަމުން ދެއެވެ. އަންހެނުން ހެދުން އަޅާ ގޮތަށް ހެދުން އަޅާ ފިރިހެންވެސް ފެންނަމުން ދެއެވެ. ހަމައެފަދައިން ފިރިހެނުން ބޮލުގެ އިސްތަށިގަނޑު ކޮށާފައި ހުންނަހެން ބޮލުގެ އިސްތަށިގަނޑު ކޮށާފައި ތިބޭ އަންހެނުންވެސް ފެނެއެވެ. ފިރިހެނުން ހެދުން އެޅުމުގެ ސްޓައިލަށް ތަބަޢަވާ އަންހެނުންވެސް ފެނެއެވެ. އެފަދަ ޢަމަލުތަކަކީ ކަނޑައެޅިގެން ދީނުގައި ނަހީ ކުރައްވާފައިވާ ޢަމަލުތަކެވެ.

އަޅުގަނޑުމެން އިސްލާމްދީނުގެ މަގަށް ރުޖޫޢަވެ އާ ޢަޒުމެއް ކަނޑައަޅައި މާތް ﷲ އަންގަވާފައިވާ ގޮތަށް އުޅޭން ގަސްދު ކުރާ މިފުރުޞަތެއްގައި މިއީވެސް ސަމާލުކަން ދޭންވީ ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަ ގޮތެއްގައި ރޯދަ މަހުގައި މިފަދަ ނުބައި ޢަމަލުތަކުން ދުރުހެލިވެ، މާތް ﷲ ގެ މަގަށް ރުޖޫޢަ ވުމަށް މަސައްކަތް ކުރެވޭތޯ ބަލާ ހިނގާށެވެ. އޭރުން ތިބާއީ މާތްﷲ އާއި އެކަލާނގެ ރަސޫލާގެ ރުހުން ލިބިފައިވާ މީހަކަށް ވާނެއެވެ. މާތްﷲ އާއި އެކަލާނގެ ރަސޫލާގެ ރުހުން ލިބިފައިވާ މީހާގެ މަޞީރަކީ ފޫހިކަމެއް ވަރުބަލިކަމެއް ނެތް ސުވަރުގެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު