ރާއްޖެއަށް ދިމާވި ސިޔާސީ ހަލަބޮލިކަމުން އަރައިގަތުމަށް އެންމެ ވަރުގަދައަށް މަސައްކަތް ކޮށްދެއްވީ ރަޝިއާ، ޗައިނާ އަދި ސައުދީ އަރަބިއްޔާ ކަމަށާއި އެއީ އެންމެ ގާތް ރަހުމަތްތެރިން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ "މަގެ ދީނާ މަގެ ގައުމާ" މި ނަމުގައި ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މިއަދު މިދެންނެވި ގޮތަށް ނިންމެވުމުގައި އަޅުގަނޑުމެންނަށް އެންމެ ވަރުގަދައަށް މަސައްކަތްކޮށްދެއްވީ އެންމެ ގާތް ރަހުމަތްތެރިން. ރަޝިއާ އާއި ޗައިނާ އައި ސައުދީ އަރަބިއްޔާ އެންމެ ވަރުގަދައަށް މަސައްކަތް ކޮށްދެއްވީ،" ޕީޕީއެމުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވި އެވެ.
"މަގެ ދީނާ މަގެ ގައުމާ!"ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއިން ވެސް ރަހުމަތްތެރިން ބޭނުންވާނެ ކަމަށާއި ނަމަވެސް އެ ރަހްމަތްތެރިންނަށް "ޖީއެމްއާރު ވިއްކި ގޮތަކަށް ނުވިއްކަމޭ، ނުވިއްކާނަމޭ،" ކަމަށެވެ.
އަދި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ސަރުކާރުން އަމަލު ނުކޮށް، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ބައެއް ބޭފުޅުން ހައްޔަރުކުރުމުން އދ.ގެ ސަލާމަތީ މަޖިލީހުގައި ރާއްޖެއާ ބެހޭ ގޮތުން މަޝްވަރާ ކުރަން އުޅުނު މައްސަލައަށް ވެސް ރައީސް މިރޭގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަކީ ބޭރުގެ ދައުލަތަކަށް ނޭނގޭ ތަނެއް ނޫން ކަމަށާއި ކުރާ ކަންތައްތައް އެންމެ ކައިރިން ބަލަމުންދާ ގައުމުތައް ގިނަ ކަމަށެވެ. އަދި ރޮހިންގާ މުސްލިމުން ކަތިލަމުންދިޔަ މައްސަލަ އާއި އަރަބި މުސްލިމުންނާއި ފަލަސްތީނުގެ މުސްލިމުންނަށް ދުނިޔޭގެ ސަމާލުކަން ނާންނަވަރަށް ރާއްޖެއަށް އެ ސަމާލުކަން އައި ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ސުޕްރީމް ކޯޓުން މިދިޔަ ހަފްތާގެ ހުކުރުވިލޭރޭ ނެރުނު އަމުރު، ދިވެހި ދައުލަތުން ތަންޒީރު ނުކޮށްގެން އެކަން ކުރުމަށް ބައެއް ގައުމުތަކުން ގޮވާލައި އެވަރުގެ ސަމާލުކަމަށް އައީ ދުނިޔޭގެ އެހެން ގައުމުތަކުގެ ސުޕްރީމް ކޯޓަކުން ނެރޭ އަމުރަކަށް ދައުލަތުން ގޮންޖެހުމަކީ ކުރެވޭނެ ކަމަކަށް ނުވާތީ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހުރި މައްސަލަތައް ބަލައި ދިވެހި ދައުލަތުން އެކަން ތަންޒީރު ނުކުރި ސަބަބެއް ވެސް ބޭރު ދުނިޔޭގެ ފަރާތްތަކުން ބަލަން ބޭނުން ނުވި ކަމަށް ވިދާޅުވި އެވެ.
"އެއީ އެމީހުންގެ ވިސްނުމުގެ މީޒާނަކަށް ނާދޭ ސުޕްރީމް ކޯޓަކުން އެގައުމުގައި އެފަދަ ނުރައްކާތެރި ކަމެއް ކޮށްފާނެ ކަމަކަށް. އެފަދަ ޖައްބާރު ކަމެއް ކޮށްފާނެ ކަމަށް އެއީ އެމީހުންގެ ހިޔާލެއް ގެންނާނެ ކަމެއް ނޫނޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އދ. ގެ ސަލާމަތީ މަޖިލީހަށް ރާއްޖޭގެ މައްސަލަ ގެންގޮސް، ރާއްޖެއަށް އެހީދޭ ގައުމުތަކުން ރާއްޖެއާ ދޭތެރޭގައި ނުބައި ތަސައްވުރެ އުފެއްދުމުގެ ފުރުސަތު ވެސް އިދިކޮޅު ފަރާތްތަކުން ފަހިކޮށްދިން ނަމަވެސް ހާރިޖީ ސިޔާސަތުން ވެސް ރާއްޖެއަށް ލިބިގެން ދިޔައީ ނަސްެރެއް ކަމަށެވެ.
"މި އިއްޒަތްތެރި ބަޣާވާތްފުޅު އޭގެ ދާންވާ ހުރިހާ މަރުހަލާއަކަށް ދިޔަނަމަ ދުވަހަކުވެސް ރާއްޖޭގެ ހާލަތުގެ ދުލުން ގިސްލުންނޫން ތަނެއް، ގިސްލުންނޫން އަޑެއް ނީވޭނެ،" ރައީސް ވިދާޅުވި އެވެ.