"ތިޔަލޯތްބާ ދުރަށް"، ފިލްމަށް ކުރެވޭ އުއްމީދުތައް ބޮޑު: މަލް

"ތިޔަ ލޯތްބާ ދުރަށް" ފިލްމްގެ ޕޯސްޓަރެއް--- ފޮޓޯ/ ގޮޅާ އައްޔަ

ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)ގެ ފުރަތަމަ ޑައިރެކްޝަން "ތިޔަ ލޯތްބާ ދުރަށް" މި ފިލްމަށް ކުރެވޭ އުއްމީދުތައް ބޮޑުކަމަށް ފިލްމުގެ ލީޑް ތަރި މަލީހާ ވަހީދު (މަލް) ބުނެފިއެވެ.

ސަން އާ ވާހަކަ ދައްކަމުން މަލް ބުނީ ފިލްމަށް ކުރެވޭ އުއްމީދުތައް ބޮޑު ކަމަށެވެ.

"ތިޔަ ލޯތްބާ ދުރަށް" ފިލްމްގެ ޕޯސްޓަރެއް--- ފޮޓޯ/ އެފްބީ

"މީގެ ކުރިންވެސް މަރީ އާއެކު މަސައްކަތް ކޮށްފަ ހުރީ. އެހެން ވެޔާއެކީ، އަނެއްކާ މަރީ ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމަށް ވީމަ ވަރަށް ލުކް ފޯވާޑް ކުރަން އެބަ،" ފޯނުން ދިން އިންޓަވިއު އެއްގައި މަލް ބުންޏެވެ.

މީގެ ކުރިންވެސް މަލް ވަނީ ތިން ފިލްމެއް ކުޅެފައެވެ. އެ ތިން ފިލްމާ އަޅާ ބަލާއިރު "ތިޔަ ލޯތްބާ ދުރަށް"ގައި ކުރެވުނު ތަޖުރިބާ "ސަޅި" ކަމަށް މަލް ސިފަކުރެއެވެ.

"މި ފިލްމުގައިވެސް ފެންނާނީ ހިތާމަވެރި ބަޔަކުން ބޮޑަށް. ފިލްމު ބެލީމާ ސީދާ އިނގޭނެ،" މަލްގެ ސަޕޯޓަރުންނަށް ފިލްމު ބަލަން ޓިކެޓް ގަތުމަށް ދައުވަތު ދެމުން އޭނާ ބުންޏެވެ.

"ފިލްމުގެ މަސައްކަތް ވަރަަށް ފަސޭހަކޮށް ސަޅިކޮށް ދިޔައީ. އަނެއްކާވެސް އަޒޭ އާއެކު މަސައްކަތް ކޮށްލަން ލިބުނީމަ ވަރަށް ހިތްހަމަ ޖެހުނު. އަޒޭއަކީ މަލްއަށް، އެކުގައި މަސައްކަތް ކޮށްލަން އެންމެ ފަސޭހަ އެކަކު. އަނެއްކާ ވަރަށް ކްލޯޒް ފްރެންޑެއް އެކީ. ޝަހޫ އާ ޓޮމް ވެސް ވަރަށް ފަސޭހަ އެކީ މަސައްކަތް ކުރަން،" މަލް ބުންޏެވެ.

ފިލްމު ތިޔަ ލޯތްބާ ދުރަށް، ޝޫޓިންގެ ތެރޭގައި ޑައިރެކްޓަރު މަރީ، ލީޑުރޯލުން ފެނިގެންދާ އަޒޭ، މަލް އަދި ކެމެރާމަން އައްޔަ -- ސަން ފޮޓޯ: ތިޔަލޯތްބާދުރަށް

މީގެ ކުރިން މަރީގެ ވާހަކައެއްގެ މައްޗަށް އުފެއްދި ޑްރާމާއެއްގައިވެސް މަލް ވަނީ މަސައްކަތްކޮށްފައެވެ.

"ފިލްމުގެ މަސައްކަތުގައި މަރީގެ ފަރާތުން އަދި ޓީމުގެ ފަރާތުންވެސް ވަރަށް ބޮޑު އެހީއެއް ލިބުނު،" މަލް ބުންޏެވެ.

ފިލްމު ތިޔަ ލޯތްބާ ދުރަށް ސްކްރީނަށް އަންނާނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. މިހާރު ފިލްމު ޓީޒާ ބެލުންތެރިންނަށް ދޫކޮށްލާފައި ވާއިރު ފިލްމުގެ ޓިކެޓަށް ނަން ނޯޓުކުރަންވެސް ވަރަށް އަވަހަށް ހުޅުވާލާނެއެވެ.

ތިޔަ ލޯތްބާ ދުރަށްގެ ލީޑުން ފެންނާނީ މަލްގެ އިތުރުން އަހުމަދު އަޒްމީލް (އަޒޭ) އެވެ.

މީގެ އިތުރުން 2000ގެ އަހަރުތަކުގެ ތެރޭގައި ވީޑިއޯ ލަވަތަކުން ވިދާލި މަރިޔަމް ޝަހުޒާ (ޝަހޫ)ގެ އިތުރުން ޝަހޫގެ ފިރިމީހާ އަހުމަދު އަމަން (ޓޮމް) އާއި ސްރީލަންކާގެ ތަރިއެއް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ފިލްމު "ތިޔަ ލޯތްބާ ދުރަށް" ގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ އަވައްޓެރި ސްރީލަންކާގައެވެ. ފިލްމުގެ ކެމަރާމަންއަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.

comment ކޮމެންޓް