އުއްމުހާތުލް މުއުމިނީންގެ ތެރެއިން: އުއްމުލް މުއުމިނީން އުއްމު ސަލަމަތު ރަޟިޔަ ﷲ ޢަންހާ

(24 މާރޗްގެ އަދަދާގުޅޭ)

7. އަންޞާރިއްޔަ ޞަޙާބީންގެ ވަރަށް މާތް ތިންބޭކަލެއްކަމުގައިވާ كعب بن مالك އާއި، حلال بن أميّة އާއި، مرارة بن الرّبيع އާ ތިންބޭކަލުން (رضى اللّـه عنهم) ތަބޫކު ހަނގުރާމައިގައި އިސްލާމީ ލަޝްކަރާ ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެއްވެސް ޝަރުޢީ ޢުޒުރަކާ ނުލައެވެ. އެހެންކަމުން އިތުރު ސާހިބާ صلّى اللّـه عليهوسلّم ތަބޫކުން އެނބުރިވަޑައިގަތުމަށްފަހު އެތިންބޭކަލުންނާ ގުޅުން ކަނޑުއްވައިލެއްވިއެވެ. އެންމެހައި މުސްލިމުންވެސް އެބޭކަލުން ބޮއިކޮޓްކުރިއެވެ. އެބޭކަލުން އެކަމާ ދެރަފުޅުވެ، އަސްތަޣުފާރު ވިދާޅުވެ ތައުބާވެވަޑައިގެންނެވިއެވެ. އެގޮތުގައި އެބޭކަލުން ދެމިތިއްބެވިއެވެ. أمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــها އެދުވަސްވަރު كعب بن مالك رضى اللّـه عنه އާ ބެހޭގޮތުން، ކައުސާހިބާ صلّى اللّـه عليهوسلّم ގެ އަރިހުގައި އެތައްފަހަރަކު ސަކާކުރެއްވިއެވެ.

އަރަހުށި މާތް اللّـه އެބޭކަލުންގެ ތައުބާ ޤަބޫލުކުރެއްވިކަން އެންގެވުމާއެކު، ކައުސާހިބާ صلّى اللّـه عليهوسلّم،السّيّدة أمّ سلمة އަށް އެ ޚަބަރު ދެއްވިއެވެ. އެއީ ރޭގަނޑެއްގެ ވަގުތެވެ. އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. "كعب بن مالك އާއި އެކަލޭގެފާނުގެ އެކުވެރީންގެ ތައުބާ ޤަބޫލުކުރައްވައިފިއެވެ." أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها ނުހަނު ލޯބިފުޅުން ކައުސާހިބާއާ ސުވާލުކުރެއްވިއެވެ. "އޭ މާތް اللّـه ގެ ރަސޫލާއެވެ. ތިޔަ އުފާވެރި ޚަބަރު ހަމަމިހާރު އެބޭކަލުންގެ އަރިހަށް ފޮނުވަންތޯއެވެ؟ އެބޭކަލުންގެ އަރިހަށް އަޅުގަނޑު މީހަކު ފޮނުވައިފާނަމެވެ."

ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ ޖަވާބުދެއްވިއެވެ. "މިހާރަކު ނޫނެވެ. އެބޭކަލުންގެ އަރާމުކުރެއްވުމަށް ހުރަސްއެޅިދާނެއެވެ." އިތުރު ސާހިބާ صلّى اللّـه عليهوسلّمފަތިސްނަމާދަށްފަހު އެބޭކަލުން ގެންނަވައި އެ އުފާވެރިކަމުގެ ޚަބަރު ދެއްވިއެވެ. މަރްޙަބާ ވިދާޅުވިއެވެ. އެބޭކަލުން އިންތިހާދަރަޖަޔަށް އުފާކުރެއްވިއެވެ.

އީލާއުއާއި ތަޚްޔީރުގެ މައްސަލަ

ކައުސާހިބާ صلّى اللّـه عليهوسلّم ގެ އަނބިއަނބިކަނބަލުން ނަފަޤާތް އިތުރުކޮށްދެއްވުން އެދިވަޑައިގެން ކުރެއްވި މުޒާހަރާގެ ވާހަކަ އަޅުގަނޑު ވަނީ أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنــها ގެ ޙަޔާތްޕުޅާމެދު އަޅުގަނޑު ލިޔުނު މަޒްމޫނުގައި ބަޔާންކޮށްފައެވެ. أمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــها ވެސް އެކަމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

أبوبكر الصّدّيق رضى اللّـه عنــه އާއި عمر الفاروق رضى اللّـه عنــه އާ ދެބޭކަލުން އެދެބޭކަލުންގެ ދެދަރިކަނބަލުންކަމުގައިވާ عائشة رضى اللّـه عنــها އަށާއި، حفصة رضى اللّـه عنــها އަށް ވިސްނައިދެއްވައި އެކަން މަނާކުރެއްވިއެވެ. އެއަށްފަހު އެހެނިހެން أمّهات ންނަށްވެސް ވިސްނައިދެއްވަން މަސައްކަތްކުރެއްވިއެވެ. އެކިބޭކަނބަލުންގެ އަރިހަށް ވަޑައިގެން ނަސޭހަތްދެއްވިއެވެ. އެގޮތުން السّيّدة أمّ سلمة ގެ އަރިހަށް އެދެބޭކަލުން ވަޑައިގެން ވާހަކަދެއްކެވުމުން ޖަވާބުގައި ވިދާޅުވިއެވެ.

"ތިޔަދެބޭކަލުން ތިޔައުޅުއްވަނީ ކޮންކަމެއް ބޮޑުވެގެންތޯއެވެ؟ ތިޔަބޭކަލުންނާއި ތިޔަބޭކަލުންގެ އަނބިއަނބިކަނބަލުންނާ ދޭތެރޭގެ މައްސަލަތަކަށްވެސް އެހެންމީހުން ވަދެއުޅޭތޯއެވެ؟ އަޅުގަނޑުމެންގެ ބޭނުންތަކުގެ ވާހަކަ އަޅުގަނޑުމެން ދަންނަވަން އެންމެ ޙައްޤުކަންބޮޑީ އަޅުގަނޑުމެންގެ ފިރިކަލުން رسول اللّـه صلّى اللّـه عليهوسلّم ގެ އަރިހުގައެވެ. އެކަންކަމުގައި އެކަލޭގެފާނުގެ ކޮށްދެއްވޭނެކަމެއް އޮތްކަމުގައިވާނަމަ، އެކަމެއްކޮށްދެއްވުން އެންމެ އައުލާކަންބޮޑީ އެކަލޭގެފާނެވެ. އެކަލޭގެފާނަށް ކޮށްދެއްވޭފަދަ ކަމަކަށްނުވާތީ އެކަން މަނާކުރައްވާނަމަ އަޅުގަނޑުމެން ކިޔަމަންވެ ބޯލެނބުން އެންމެ ޙައްޤުކަންބޮޑީވެސް އެކަލޭގެފާނުގެ ނަސޭހަތްޕުޅަށެވެ. އެކަލޭގެފާނުގެ އަމުރުފުޅަށެވެ."

އެއަށްފަހު عمر بن الخطّاب رضى اللّـه عنــه އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ.

"އޭ إبن الخطّاب އެވެ! سبحان اللّـه އެވެ! ކަލޭގެފާނު ހުރިހާކަމެއްގެ ތެރެއަށް ވެދެވަޑައިގަންނަވަމުންގޮސް އެންމެފަހުން رسول اللّـه صلّى اللّـه عليهوسلّم އާއި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ ދެމެދަށްވެސް ވެދެވަޑައިގަންނަވާން ފެއްޓެވީތޯއެވެ؟"

أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها މި ޖަވާބު ދެއްވުމުން عمر ގެފާނާއި أبوبكر ގެފާނާ ދެބޭކަލުން އިތުރު އެއްޗެކޭ ވިދާޅުނުވެ އެނބުރިވަޑައިގެންނެވީއެވެ. سيّدة ގެ ޖަވާބާމެދު أمّهات ން އުފާކުރައްވައި އެކަމަނާއަށް ތާރީފުކުރެއްވިއެވެ.

ބޭފުޅުން ތަރްބިޔަތުކުރެއްވުން

أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها އެކަމަނާގެ ބޭފުޅުންނަށް ހަރުދަނާ ތަރުބިޔަތެއް ދެއްވައި، ޢިލްމު އުނގަންނަވައިދެއްވުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. ނަތީޖާއެއްގެގޮތުން އެކަމަނާގެ ބޭފުޅުންނަކީ ޢިލްމުވެރި، ހަރުދަނާ، ޤާބިލު ބޭފުޅުންކޮޅެކެވެ. އެކަމަނާގެ ދަރިކަނބަލުން السّيّدة زينب بنت أبى سلمة رضى اللّـه عنــها އަކީ އެޒަމާނުގެ މަޝްހޫރު ފިޤުހުވެރި ބޭކަނބަލެކެވެ. أمير المؤمنينعلى بن أبى طالب رضى اللّـه عنــه ގެ ޚަލީފާކަމުގައި އެކަމަނާގެ ދަރިކަލުން عمر بن أبى سلمة رضى اللّـه عنــه އަށް ފާރިސްކަރައާއި ބަޙްރައިނުގެ ގަވަރުނަރުކަން ދެއްވިއެވެ. ކައުސާހިބާ صلّى اللّـه عليهوسلّم އެކަމަނާގެ ދަރިކަލުން سلمة އާ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު حمزة بن عبد المطّلب ގެ ދަރިކަނބަލުން أمامة بنت حمزة رضى اللّـه عنــها އާ ކާވެނިކޮށްދެއްވިއެވެ.

أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها ގެ އަރިހުން ރިވާވެފައިވެއެވެ. ކައުސާހިބާ صلّى اللّـه عليهوسلّم އާ އެކަމަނާ އެއްދުވަހަކު ސުވާލު ކުރެއްވިއެވެ.

"އޭ މާތް اللّـه ގެ رسول އާއެވެ! އަޅުގަނޑުގެ ކުރީގެ ފިރިކަލުންގެ ފަރާތްޕުޅުން އަޅުގަނޑަށް ލިބިފައިވާ ކުދީންނަށް ޚަރަދުކުރުމުން އަޅުގަނޑަށް ޘަވާބު ލިބޭނެތޯއެވެ؟ އެކުދީން ނުބަލައި ދޫކޮށްލެވޭކަށެއްވެސް އަޅުގަނޑަކަށް ނޯންނާނެއެވެ. އެހެނީ އެއީ އަޅުގަނޑު ބަނޑުއަޅައި ވިހެއި އަޅުގަނޑުގެ ކުދީންނެވެ." ކައުސާހިބާ صلّى اللّـه عليهوسلّم ޙަދީޘު ކުރެއްވިއެވެ. "ޝައްކެއްނެތެވެ. ކަމަނާ އެކުދީންނަށް ކުރައްވާ ކޮންމެ ހޭދަޔަކަށްވެސް ކަމަނާއަށް ދަރުމައާއި ޘަވާބު ލިބިވަޑައިގަންނަވާނެއެވެ."

ދެވަނަފަހަރަށް ހުވަފަތްވެވަޑައިގަތުން

ކައުސާހިބާ صلّى اللّـه عليهوسلّم،حجّة الوداع ން އެނބުރިވަޑައިގަތުމާއެކު ސުވަރުވެޑައިގަތުމުގެ ދަތުރުފުޅުގެ ތައްޔާރީތައް ފައްޓަވައިފިއެވެ. އިތުރު ސާހިބާ ސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅު ފެށެނީ، އިސްތަށިފުޅުގައި ރިހިވަޑައިގަތުމާއި ހުންފުޅު އައުމުންނެވެ. އެކަލޭގެފާނުގެ އާލާސްކަންފުޅުގެ ކުރީކޮޅުގައި އެކިދުވަސް ހޭދަކުރައްވަމުން ގެންދެވީ އެކިއެކި أمّهات ންގެ ކޮޓަރިކޮޅުގައެވެ. އާލާސްކަންފުޅު ބޮޑުވުމުގެ ސަބަބުން أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنــها ގެ ކޮޓަރިކޮޅުގައި މަޑުކޮށްލެއްވުމުންވެސް أمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــها އިތުރު ސާހިބާގެ ޙާލުކޮޅު ދެކެވަޑައިގަންނަވަން ގިނަގިނައިން ވަޑައިގެން އުޅުއްވިއެވެ. އިތުރު ސާހިބާގެ އާލާސްކަންފުޅު ވަރަށް ބޮޑުވި ވަގުތަކު أمّ المؤمنين السّيّدة أمّ سلمة އަށް ބާރަށް ކީރިތިކުރައްވައިގެންނެވުނެވެ. ކައުސާހިބާ صلّى اللّـه عليهوسلّم އެކަމަނާއާ ދިމާޔަށް ބައްލަވައިލައްވައިފައި ޙަދީޘު ކުރެއްވިއެވެ. "ތިޔައީ މުސްލިމުންގެ ގޮތެއް ނޫނެވެ."

އިތުރު ސާހިބާގެ އާލާސްކަންފުޅަށް ފަރުވާކުރެއްވުމަށްޓަކައި އެކަލޭގެފާނަށް ހިއްޕަވާނެ ބޭސްކޮޅެއް އަރުއްވަން أمّهات ން އުޅުއްވިއެވެ. ނަމަވެސް އިތުރު ސާހިބާ ބޭސްކޮޅު ހިއްޕަވަން ކުރެއްވީ އިންކާރެވެ. އިތުރު ސާހިބާ ހޭފުޅުނެތުނު ވަގުތަކު، السّيّدة أمّ سلمة رضى اللّـه عنــها އިތުރު ސާހިބާގެ އެހެން އަނބިކަނބަލެއްގެ އެހީފުޅާއެކު އިތުރު ސާހިބާގެ ދެދަތްޕިލާފުޅު ދުރުކުރައްވައި އަނގަފުޅަށް ބޭސްކޮޅު އެޅުއްވިއެވެ. އިތުރު ސާހިބާ صلّى اللّـه عليهوسلّم ހޭފުޅުއެރުމުން އެވަގުތު އެތާނގައި ތިއްބެވި ހުރިހާ أمّهاتالمؤمنين ންނަށް އެބޭސް ހިއްޕަވަން އެންގެވިއެވެ. (بخارى)

السّيّدة أمّ سلمة رضى اللّـه عنــها ދެވަނަފަހަރަށް ހުވަފަތްވެވަޑައިގަތީ 12 ރަބީޢުލްއައްވަލް 11 ގައެވެ. އިތުރު ސާހިބާ صلّى اللّـه عليهوسلّم ގެ އަރިހުގައި ގާތްގަނޑަކަށް ހަތްއަހަރުގެ ޒަވާޖީ ޙަޔާތްޕުޅެއް ހޭދަކުރެއްވުމަށްފަހުގައެވެ.

އިތުރު ސާހިބާ صلّى اللّـه عليهوسلّم ސުވަރުގެވަޑައިގެންނެވިއިރު، أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها ވަނީ އިތުރު ސާހިބާގެ އިސްތަށިކޮޅުތަކެއް ދަޅަކަށްލައްވައި ރައްކާކުރައްވައިފައެވެ. ބަލިމީހަކު އެކަމަނާގެ އަރިހަށް އަތުވެއްޖެނަމަ، އެއިސްތަށިފުޅުތައް ފެންތައްޓަކަށް ގަންބަވާލައްވައިފައި އެމީހަކަށް ބޯންދެއްވައެވެ. އެއިސްތަށިފުޅުތަކުގެ ބަރަކާތުން، އަރަހުށި މާތް اللّـه އެމީހެއްގެ ބަލި ފަސޭހަކޮށްދެއްވައެވެ. (بخارى)

އަވަހާރަވުން

ކައުސާހިބާ صلّى اللّـه عليهوسلّم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެފަހުން އަވަހާރަވީ أمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــها އެވެ. އެކަމަނާ އަވަހާރަވި އަހަރަކާމެދު މުއައްރިޚުންގެ މެދުގައި ޚިލާފު ހުރެއެވެ. إبنأبى حيشمة އާއި إبن حبّان ވިދާޅުވާގޮތުގައި، އެކަމަނާ އަވަހާރަވީ ހިޖުރައިން 61 ވަނަ އަހަރުގައެވެ. إمام بخارى ވިދާޅުވާގޮތުގައި ހިޖުރައިން 58 ވަނަ އަހަރުއެވެ. واقدى ލިޔުއްވާގޮތުގައި ހިޖުރައިން 59 ވަނަ އަހަރުއެވެ. މިޒަމާނުގެ މުޙައްޤިޤުންގެ ތެރެއިން علامة شبلى نعمانى އާއި سيّد سليمان ندوى ބުރަވެވަޑައިގަންނަވާގޮތުގައި އަދިقاضى محمّد سليمان މަންޞޫރުޕޫރީ ލިޔުއްވާ ގޮތުގައި ހިޖުރައިން 60 ވަނަ އަހަރުގައެވެ. އޭރު އެކަމަނާގެ އުމުރުފުޅަކީ ބައެއް ރިވާޔަތްތަކުގައި އައްޑިހަ އަހަރުފުޅެވެ. އަނެއްބައި ރިވާޔަތްތަކުގައި އައްޑިހަ ހަތަރު އަހަރުފުޅެވެ.

އެދުވަސްވަރު މަދީނާގެ ގަވަރުނަރަކަށް ހުންނެވީ مروان بن الحكيم އެވެ. އާދަވެގެން އިމާމުވެ ކަށުނަމާދުކުރައްވަނީ އޭނާއެވެ. ނަމަވެސް أبو هريرة رضى اللّـه عنه ލައްވައި އެކަމަނާގެ މައްޗަށް ކަށުނަމާދު ކުރުވުމަށް أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــها އޮތީ ވަޞިއްޔަތް ކުރައްވައިފައެވެ. އެހެންކަމުން އެކަމަނާގެ މައްޗަށް ކަށުނަމާދުކުރެއްވީ أبو هريرة رضى اللّـه عنه އެވެ. ޤަބުރުފުޅުގައި ވެޑުއްވީ އެކަމަނާގެ ދެދަރިކަލުންކަމުގައިވާ سلمة بن أبى سلمة އާއި عمر بن أبى سلمة އާއި، އަޚު عبد اللّـه بن أبى أميّة އާއި، عبدالرّحمن بن وهب އެވެ. އެކަމަނާ ފަސްދާނުލެވުނީ ޖަންނަތުލްބަޤީޢުގައެވެ. އިތުރު ސާހިބާ صلّى اللّـه عليهوسلّم ގެ އަނބިއަނބިކަނބަލުން ފަސްދާނުލެވިފައިވާ ސަފުގައެވެ.

(ނުނިމޭ)

comment ކޮމެންޓް