ދިރާގުން އެންމެ ފަހުގެ އައިފޯން ވިއްކަން ފަށައިފި

މިރޭ މީހަކު އައިފޯން ގަންނަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެޕަލް އިން އަލަށް ތައާރަފްކޮށްފައިވާ އައިފޯން 6 އެސް އަދި 6 އެސް ޕްލަސް ދިރާގުން ވިއްކަން ފަށައިފިއެވެ.

މިރޭ 12 ޖެހުމާއެކު ދިރާގުން ވަނީ ކުލަ ގަދަ ހަފްލާއަކާއެކު އެކުންފުނީގައި ޕްރީ އޯޑާހަދާފައިވާ ފަރާތަތްކަށް އައިފޯން ދޫކުރަން ފަށާފައެވެ. ގިނަ އަދަދެއްގެ ބަޔަކު ވަނީ އައިފޯން ގަތުމަށް ކިޔޫ ހަދާފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދިރާގުގެ މާކެޓިން ޑިރެކްޓަރު އަހުމަދު މައުމޫން ވިދާޅުވީ، ޕްރީ އޯޑަރަށް ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕްރީ އޯޑަރު ހަދާފައި ކަމަށެވެ. އެގޮތުން މިރޭ އެތައް 100 ބަޔަކަށް އައިފޯން ދޫކުރެވޭނެ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

އައިފޯން ވިއްކުމާ ގުޅޭގޮތުން މައުމޫން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

"މިރޭ ރާއްޖެއަށް ކަނޑައަޅާފައިވާ އަދަދުގެ ތެރެއިން އަޅުގަނޑުމެން ހުރިހާ ރިކްއެސްޓަކަށް ސެޓިސްފައިވެސް ނުކުރެވޭ." މައުމޫން ވިދާޅުވިއެވެ.

ބޮޑަށް އިސްކަންދޭނީ ޕްރީ އޯޑަރ ނަގާފައިވާ ފަރާތްތަކަށް ފޯން ދޫކުރަން ކަމަށާއި ޕްރީ އޯޑަރުގެ އިތުރުން ފޯން ވިއްކަންވެސް ފަށާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

އައިފޯން ގަތުމަށް ގިނަ ބަޔަކު ކިޔޫ ހަދާފައި-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މިހާރު ހުރި ސްޓޮކަށް ވުރެ ޑިމާންޑް ބޮޑު ކަމަށާއި އިތުރަށް އައިފޯން ވިއްކުމަށް އެޕަލްއާއެކު ދަނީ ވާހަކަ ދެކެވެމުން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

އައިފޯނު 6 އެސް އަދި 6 އެސް ޕްލަސް އެޕަލް އިން ފުރަތަމަ ލޯންޗް ކުރީ 12 ގައުމެއްގައެވެ. އެ ގައުމުތަކުން ފޯނު ގަނެގެން ގެނެސް ރާއްޖޭގެ މާކެޓުގައި ވެސް ބައެއް ފަރާތްތަކުން އަންނަނީ މީގެ ދުވަސް ކޮޅެއް ކުރީން ފެށިގެން އެ ފޯނުތައް ވިއްކަމުންނެވެ.

comment ކޮމެންޓް