ހަމަ އެކަނި ދިވެހިންނަށް ތިލަފުށިން ބިން ވިއްކަނީ

ތިލަފުށި: އިންޑަސްޓްރިއަލް އެ ރަށުން ދިވެހިންނަށް އެކަނި ބިން ބިއްކަން ހުޅުވާލަން ވަނީ ނިންމައިފައި-- ފޮޓޯ: އެޗްޑީސީ

ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭގޮތަށް ކަނޑައަޅައި، ތިލަފުށިން ބިން ވިއްކަން ހުޅުވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފިއެވެ.

އެޗްޑީސީއިން މިއަދު ބުނީ އެ ބިންތައް ވިއްކަން ނިންމާފައިވަނީ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ކަމަށެވެ. ބިން ވިއްކުމަށް ހުޅުވާލަނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ މީހުންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ތިލަފުށިން ބިން ވިއްކުމަށް އަލުން ހުޅުވާލާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ފުރުސަތު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން އިސްކަން ދޭނެ ކަމަށް އެޗްޑީސީއިން ބުންޏެވެ. އެގޮތުން އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައި ދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫކުރުމަށް އެ ކޯޕަރޭޝަނުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް އެ ކޯޕަރޭޝަނުން އަންނަނީ ކުރަމުން ކަމަށް އެޗްޑީސީއިން ބުންޏެވެ.

އިތުރަށް ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ ވަސީލަތްތައް ގާއިމްކޮށް ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށް ކަމަށެވެ.

މިދިޔަ މާޗް މަހު އެޗްޑީސީއިން ވަނީ ތިލަފުށިން ބޭރު މީހުންނަށް ވެސް ބިން ގަނެވޭގޮތަށް ބިންތަކެއް ވިއްކަން ހުޅުވާލައިފައެވެ. އެ ފަހަރު ވިއްކަން ނިންމީ ތިލަފުށީގެ ސިނާއީ ބޭނުންތަކަށް ޚާއްސަކޮށްފައިވާ ސަރަހައްދުން ޖުމްލަ 108 ޕްލޮޓެވެ.

comment ކޮމެންޓް