ހައްޖު އަޅުކަމުގެ ތެރޭގައި މިނާގައި ފިތިބާރުވެގެން ގިނަ އަދަދެއްގެ ހައްޖާޖީންތަކެއް މަރުވެ އެތަކެއް ސަތޭކަ ހައްޖާޖީންނެއް ޒަޚަމްވެއްޖެ އެވެ.
ސައުދީ އަރަބިއާގެ ސިވިލް ޑިފެންސް ފޯސްއާ ހަވާލަދީ އަލް އަރަބިއާ ނޫހުން ބުނެފައި ވަނީ މިހާތަނަށް 717 މީހަކު މަރުވެފައި ވާ ކަމަށެވެ. އަދި ޒަޚަމްވި މީޙުންގެ އަދަދު 863 އަށްވުރެ ގިނަ ކަމަށްވެސް އެ ނޫހުން ބުންޏެވެ.
މިވަގުތު ސައުދީގައި ހުރި ދިވެހި ހައްޖުވެރި އަކު ބުނީ ދިވެހި އެއްވެސް ހައްޖުވެރިއަކަށް ގެއްލުމެއް ލިބިފައިވާކަން އަދި މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.
މިނާގައި އެ ހާދިސާ ހިނގި ސަރަހައްދުގައި މިވަގުތު ހުރި، ޕީއެސްއެމްގެ ނޫސްވެރިޔާ މޫސާ ވަސީމް ބުނީ، "ހިލަ އުކަން ދާން އޮންނަ މަގަކީ ވަރަށް ބާރު ބޮޑު މަގެއް. އެކަކު ވެއްޓުނަސް އެންމެން ވެއްޓޭކަހަލަ ގޮތަކަށް،" ކަމަށެވެ.
ސައުދީ ސިވިލް ޑިފެންސް ފޯސްއިން ބުނީ، މައްކާގެ ކައިރީގައި ވާ މިނާގައި ޖަމްރާއަށް ހިލައުކަން އެތަކެއް ސަތޭކަހާސް ހައްޖުވެރީން ޖަމާވެފައި ވަނިކޮށް ހިނގި މި ހިތާމަވެރި ހާދިސާއާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އަދި މިނާގައި މިވަގުތު ހަރަކާތްތެރިވާ ހައްޖުވެރީން ރައްކާތެރި މަގުތަކުން ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެކަމަށް ހާއްސަ ޓީމްތަކުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށްވެސް ސައުދީ ސިވިލް ޑިފެންސް ފޯސްއިން ބުނެފައި ވެއެވެ.
އަލް އަރަބިއްޔާއިން ބުނީ، މިނާގައި ތޮއްޖެހުމުގެ ހާދިސާ ހިނގާފައި ވަނީ، ޖަމްރާ ބްރިޖަށް ވަންނަން އޮންނަ އެންޓްރެންސް ކައިރީ، މިނާގެ 204 މަގުގައި ކަމަށެވެ. އަދި އެއީ ހިލައުކާ ސަރަހައްދު ނޫން ކަމަށެވެ.
"ޒަޚަމްވެފައިވާ މީހުން ވަނީ ފަރުވާ ދިނުމަށްތަކައި މިނާ ސަރަހައްދުގައި ހުރި ހަތަރު ހޮސްޕިޓަލަކަށް ބަހާލާފައި. އެހާދިސާގައި ޒަޚަމްވި ބައެއް މީހުން ހޮސްޕިޓަލަށް ގެނެސްފައި ވަނީ ހެލިކޮޕްޓަރު ތަކުގައި،" މިނާގައި ހުރި އަރަބިއްޔާގެ ނޫސްވެރިއަކާ ހަވާލާދީ އެ ނޫހުން ބުނެފައި ވެއެވެ.