މަހާސިންތާ ހުޅުވުމުގެ ދައުވަތު މައުމޫން ގަބޫލުފުޅެއް ނުކުރެއްވި: ޕީޕީއެމް މެމްބަރުން

ރައީސް ޔާމީނާއި ރައީސް މައުމޫން ބައްދަލުކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

އަންނަ ރިޔާސީ އިންތިހާބ،ު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކާމިޔާބުކޮށް ދިނުމަށް، ކެމްޕެއިންގައި ހަރަކާތްތެރިވާނެ ލީޑަރުން ތައްޔާރުކުރުމުގެ ގޮތުން ބާއްވާ މަހާސިންތާ ހުޅުވައި ދެއްވުމަށް އެރުވި ދައުވަތު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގަބޫލުފުޅު ނުކުރެއްވި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.

އެ ބޭފުޅުން އެގޮތަށް ވިދާޅުވެފައި ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ވައިބާ ގްރޫޕުގަ އެވެ.

މަހާސިންތާ ހުޅުވުމުގެ ދައުވަތު މައުމޫން ގަބޫލުފުޅު ނުކުރެއްވުމަށް، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު އަބްދުލް ޣަފޫރު ކަމަށް އެ ގްރޫޕުގައި ބައެއް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މަހާސިންތާ ހުޅުވައި ދެއްވުމުގެ ދައުވަތު ރައީސް މައުމޫނަށް އެރުވީ، ނައިބު ރައީސް އަދީބެވެ.

އަދީބު އެ ދައުވަތު ރައީސް މައުމޫނަށް އަރުވާފައި ވަނީ ސަރުކާރުގެ ނިންމުންތަކާ މެދު ރައީސް ޔާމީނާއި ރައީސް މައުމޫން ހިޔާލުތަފާތުވެފައިވަނިކޮށެވެ. ބޭރު ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ތަސްދީގު ކުރުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް މައުމޫން، ރައީސް ޔާމީނަށް ދަންނަވާފައި ވަނިކޮށް، އެ އިސްލާހު ވަނީ ތަސްދީގު ކުރައްވާފަ އެވެ. އަދި މައުމޫނަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ގޮތެއް ނުނިންމުމުން، އެ މައްސަލަ ވަނީ ޕީޕީއެމްގެ ކައުންސިލަށް ހުށަހަޅާފަ އެވެ.

މާހާސިންތާގެ ދައުވަތު ރައީސް މައުމުން ގަބޫލުފުޅު ނުކުރެއްވުމުން، އަންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓުގައި ރައީސް ޔާމީން ނުކުތުމަށް މައުމޫންގެ ސަޕޯޓު ނެތް ކަމަށް ބައެއް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކަށް ދެ ދައުރު ފުރިހަމަ ކުރަން ފުރުސަތު ދޭންޖެހޭނެ ކަމަށް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ކަމަށް ވެސް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

comment ކޮމެންޓް