ގަޒީރާގެ އެއްބަސްވުން ބާތިލުކޮށް އެންގި ނޯޓިސް ސިވިލް ކޯޓުން ބާތިލުކޮށްފި

ސިވިލް ކޯޓު ----

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕްގެ ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް ޓޫރިސްޓް ރިސޯޓެއް ހެދުމަށް ދޫކޮށްފައިވާ ގދ. ގަޒީރާގެ އެއްބަސްވުން ބާތިލުކޮށް ޓޫރިޒަމް މިނިސްޓްރީން ފޮނުވި އެންގުން ސިވިލް ކޯޓުން ބާތިލް ކޮށްފި އެވެ.

އެމެންޑެޑް އެންޑް ރީސްޓޭޓަޑް ލީޒް އެގްރިމެންޓުގެ ދަށުން ދޫކޮށްފައިވާ ގދ. ގަޒީރާގެ އެއްބަސްވުން ބާތިލުކުރިކަން ޓޫރިޒަމް މިނިސްޓްރީ އިން އެންގީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ޓޫރިޒަމް މިނިސްޓްރީން އެގޮތަށް އަންގާފައި ވަނީ ގަޒީރާ އިން އެއްބަސްވުމާ ޚިލާފްވެފައިވާ ކަމަށް ބުނެ އެވެ.

ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް މިދިޔަ ބުދަ ދުވަހު އިއްވި ހުކުމްގައި ވަނީ އެ އެއްބަސްވުން ބާތިލް ކުރިކަން އަންގައި، ޓޫރިޒަމް މިނިސްޓްރީން އެ ކުންފުންޏަށް ފޮނުވި ސިޓީ އަކީ އެރަށް ކުއްޔަށް ދިނުމާ ބެހޭ ގޮތުން 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް އަންގާފައިވާ އެންގުމެއް ކަމަށެވެ.

"... 5 ފެބްރުއަރީ 2015ގެ ސިޓީން ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ އެންގުމަކީ އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީސް އެގްރީމެންޓާ ޚިލާފު ބާތިލް އެންގުމެއް ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީސް އެގްރީމެންޓާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމަށް އަންގައި އަމުރުކުރަމެވެ،" ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.

comment ކޮމެންޓް