މި އަހަރުގެ ހައްޖުގެ އަޅުކަމަށް މީހުން ފުރަން ފަށައިފި

ހައްޖަށްދާ މީހުންނާއި އެ މީހުން ފުރުވަން ގޮސްތިބި މީހުން އެއާޕޯޓްގައި -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

މި އަހަރުގެ ހައްޖުގެ އަޅުކަން ކުރުމަށް ސައުދީއަރަބިއާ އަށް ދާމީހުން މިއަދު ފުރަން ފަށައިފި އެވެ. ރާއްޖޭން ހައްދާ ފުރަތަމަ ގްރޫޕް ފުރާފައި ވަނީ މިއަދު ހެނދުނު 11:45 ގަ އެވެ.

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި 286 މީހުން ވަނީ މިއަދު ފުރައިފަ އެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ދިހަ ބޭފުޅަކު ވެސް ހިމެނެ އެވެ. އެ މީހުން ފުރީ މި އަހަރު ދިވެހި ހައްޖުވެރިން ގެންދިއުމަށް ހަމަޖައްސާފައިވާ މެގަ މޯލްޑިވްސްގެ ފްލައިޓެއްގަ އެވެ.

'ސަން' އާ ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ މިނިސްޓްރީގެ އެޑްވާންސް ޓީމެއް މިހާރު ވެސް ސައުދީ އަށް ގޮސްފައިވާ ކަމަށެވެ. ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މި އަހަރު 1300 މީހުން ހައްޖަށް ދެ އެވެ.

ހައްޖަށްދާ މީހުން ފުރުން -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް ހައްޖުވެރިން ގޮވައިގެން ކުރާ ދަތުރުތައް ކުރާނީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާގެ ޖިއްދާގެ ކިންގު އަބްދުލްއަޒީޒު އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

މެގަމޯލްޑިވްސްގެ ފްލައިޓުތަކުން މިފަހަރު ސައުދީއަށް ދާން ހަމަޖެހިފައިވާ މީހުންގެ ތެރޭގައި މިނާ ހައްޖު ގްރޫޕްގެ 235 މީހަކާއި ޒައީމާ ހައްޖު ގްރޫޕުގެ 231 މީހަކު ވެސް ހިމެނެ އެވެ.

ހައްޖަށްދާ މީހުން ފުރުން -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

މިއަހަރު ރާއްޖެ އިން 2000 މީހުން ހައްޖަށް ދެ އެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުން 1.5 މިލިއަނަށް ވުރެ ގިނަ މީހުން ހައްޖަށްދާނެ ކަމަށް ސައުދީން ބުނެ އެވެ.

comment ކޮމެންޓް