ފާއިތުވި 12 މަސް ދުވަހު ވަނީ ދެ ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައި: ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ -- ސަން ފޮޓޯ: އަލީ ނަސީރު

ފާއިތުވި 12 މަސްދުވަސްތެރޭ ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެ ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވެއްޖެ އެވެ.

ސަލްސާރޯޔަލްގައި ރީޓެއިލް ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްސަ ލޯނެއް ތައާރަފްކުރުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އެންޑްރޫ ވިދާޅުވީ ދިވެހި ރައްޔިތުންނާއި ދިވެހި ވިޔަފާރުތައް ތަރައްގީ ކުރުމަކީ ބޭންކުގެ އެއް އަމާޒު ކަމަށެވެ.

"މި ލޯނުތައް ދޫކޮށްފައި ވަނީ ދިވެހި ވިޔަފާރިތައް ފަށަން. ދިވެހި ވިޔަފާރިތައް އިތުރަށް ފުޅާކުރަން. ދިވެހި އާއިލާތަކަށް ގެދޮރު އިމާރަތްކުރަން. ދިވެހި ދަރިންނަށް ތައުލީމް ދިނުމަށް،" އެންޑްރޫ ވިދާޅުވިއެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭޝް އެޖެންޓުން ބައިތިއްބާނެ ކަަމަށް ވެސް އެންޑްރޫ ވިދާޅުވިއެވެ. މިހާރުވެސް ސަތޭކައަށް ވުރެ ގިނަ ރަށުގައި ބީއެމްއެލް ކޭޝްއެޖެންޓުން ތިބެވެ.

ބީއެމްއެލް ވަނީ މިއަހަރު ޓީޗަރުންނަށް އަަމާޒުކޮށްގެން ވެސް ލޯނު ސްކީމެއް ތައާރަފްކޮށްފައެވެ. ގައުމީ ބޭންކުގެ 27 ބްރާންޗް 19 އަތޮޅެއްގައި ހުރެއެވެ.

comment ކޮމެންޓް