ޕްރިޒަން އޮފިސަރަކު އެކްސިޑެންޓުވެ އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި

ކ. މާފުށި --- ސަން ފައިލް ފޮޓޯ

ކ. މާފުށީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން އޮފިސަރަކަށް އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

މާފުށީ ކައުންސިލްގެ މެމްބަރަކު ސަން އަށް ވިދާޅުވީ، މިއަދު ހަވީރު 6:00 އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި ޕްރިޒަން އޮފިސަރު ލަސްތަކެއް ނުވެ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

އުމުރުން 29 އަހަރުގެ ޕްރިޒަން އޮފިސަރު ދުއްވި ސައިކަލް ގޮސް، ކުރިން ފިހާރައެއްގެ ގޮތުގައި ބޭނުންކުރި ތަނެއްގައި ޖެހި ހިނގި އެ އެކްސިޑެންޓުގައި، ޕްރިޒަން އޮފިސަރުގެ މޫނަށް އެތަނުގެ ބިއްލޫރިތައް ހެރިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މަޑުފަސްގަނޑެއްގައި އޭނަ ސައިކަލް ދުއްވީ. ބޮޑަށް ހީވަނީ ކުއްލިއަކަށް ބާރު ސްޕީޑުގައި ގިއަރު އަނބުރާލީމަ ހިނގި އެކްސިޑެންޓެއް ހެން،" ކައުންސިލަރު ވިދާޅުވި އެވެ.

އެކްސިޑެންޓުވި ޕްރިޒަން އޮފިސަރަށް ލިބިފައިވާ އަނިޔާއާ ގުޅޭގޮތުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ، "އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހާގެ ބޮލާއި މޫނާއި އަތުގެ އެކި ތަންތަން ވަނީ އެކި ވަރުވަރަށް ކަފައިގެން ގޮސްފައި" ކަމަށެވެ.

ޒީނަތު ވިދާޅުވީ، އެ އޮފިސަރުގެ އެތެރެހައްޓަށް އަނިޔާއެއް ލިބިފައިވާކަން އަދި ނޫންކަން ވެސް އެނގޭނީ އިތުރު ތަހުލީލުތައް ހެދުމަށް ފަހު ކަމަށެވެ.

އެކްސިޑެންޓުވި ޕްރިޒަން އޮފިސަރު މިހާރު ވާހަކަދައްކައި ހެދޭ ކަމަށާއި އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކުރާނީތޯ ނުވަތަ ދޫކޮށްލާނީތޯ އެނގޭނީ އިތުރު ތަހްލީލުތައް ހެދުމަށް ފަހުގައި ކަމަށްވެސް ޒީނަތު ވިދާޅުވިއެވެ.

comment ކޮމެންޓް