މެލޭޝިއާގެ މިލިޓަރީ ދެ ހެލިކޮޕްޓަރު އެކްސިޑެންޓުވެ، 10 މީހުން މަރުވެއްޖެ

މެލޭޝިއާގެ ކަނޑުގެ ސިފައިންގެ ހެލިކޮޕްޓަރުތަކެއް ވައިގެ ތެރޭގައި އެކަތި އަނެކައްޗާ ޖެހި، ދެ ހެލިކޮޕްޓަރު ވެސް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއެއްގައި 10 މީހަކު މަރުވެއްޖެއެވެ.

އެ ހާދިސާއާ ގުޅިގެން ރޯޔަލް މެލޭޝިއަން ނޭވީން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ހެނދުނު އެ ދެ އުޅަނދު ޖެހިފައިވަނީ ކަނޑުގެ ސިފައިންގެ މައި އޮފީސް ހުންނަ އުތުރު ލުމުޓްގައި ވައިގެ ތަމުރީނުތަކެއް ކުރިއަށް ގެންދަނިކޮށް ކަމަށެވެ. މި ތަމްރީނުތަކަކީ މެލޭޝިއާގެ ނޭވީއަށް 90 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތަށް ކުރި ފަރިތަކުރުންތަކެކެވެ. މީގެ ތެރެއިން އެއް ހެލިކޮޕޓަރަކީ މި ތަމްރީނުތަކުގައި އަލަށް ބައިވެރިވި، ޢުމުރުން 3 އަހަރުވެފައިވާ ވަރަށް އާ ހެލިކޮޕްޓަރެކެވެ.

ދެ ހްލިކޮޕްޓަރު ތެރެއިން އެއް ހެލިކޮޕްޓަރު ކަމަށްވާ، އަގުސްޓާ ވެސްޓްލެންޑް އޭޑަބްލިއު139 މެރިޓައިމް އޮޕަރޭޝަންސް ހެލިކޮޕްޓަރު (އެޗްއޯއެމް) ސިފައިންގެ މައި އޮފީހުގެ ގޯތިތެރޭގައި ހުންނަ ސްޓޭޑިއަމްގެ ސިޑި މައްޗަށް ވެއްޓުނުއިރު، ދެވަނަ ހެލިކޮޕްޓަރު ކަމަށްވާ ޔޫރޯކޮޕްޓާ ފެނެކް ވެއްޓުނީ ސްވިމިން ޕޫލެއް ކައިރިއަށެވެ.

އެ ހާދިސާގައި ދެ ހެލިކޮޕްޓަރުގައި ތިބި އެންމެން ވެސް ވަނީ މަރުވެފައެވެ. ދެ ހެލިކޮޕްޓަރު ވެއްޓުނުއިރު އެކަތީގައި ހަތް މީހުން ތިއްބެވެ. އަނެއް ހެލިކޮޕްޓަރުގައި ތިބީ ތިން މީހުންނެވެ.

ހެލިކޮޕްޓަރުތައް ވެއްޓުނު ސަރަހައްދުން ޒަޚަމުވި ބަޔަކަށް މިލިޓަރީ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ރޯޔަލް މެލޭޝިއާ ނޭވީން ބުންޏެވެ. މި ހާދިސާ އާ ގުޅިގެން މެލޭޝިއާ ނޭވީއަށް 90 އަހަރު ފުރުން ފާހަގަކުރުމަށް ރާވާފައިވާ ރަސްމިއްޔާތުތައް ވަނީ ކެންސަލްކޮށްފައެވެ.

މިދޔަ މަހުގެ ތެރޭގައި މެލޭޝިއާގެ ކޯސްޓްގާޑުގެ ހެލިކޮޕްޓަރެއް ވެސް ތަމްރީނުތަކެއްގެ ތެރޭގައި ކަނޑަށް ވެއްޓި ހަތަރު މީހަކު މަރުވެފައިވެއެވެ. އަދި، މި ފަހުން ޖަޕާނުގެ މިލިޓަރީ ހެލިކޮޕްޓަރެއް ވެއްޓިގެން ވެސް މީހަކު މަރުވެފައެވެ.

comment ކޮމެންޓް