ޕާކިސްތާނުގައި ތާށިވެފައި ހުރި އަންހެންކުއްޖެއް "ބަޖްރަންގީ ބައިޖާން" އަކަށް ބޭނުންވެފައި

ފިލްމް ބަޖްރަންގީ ބައިޖާން ގެ މަންޒަރެއް ----

އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ވަނީ މިދިޔަ ހޯމަ ދުވަހު އިންޑިޔާއިން ޕާކިސްތާނަށް ކަނޑައަޅާފައިވާ ސަފީރު ޓީސީވީ ރާގަވަން އަށް ކަރާޗީއަށް ގޮސް ޕާކިސްތާނުގައި 14 އަހަރުވަންދެން ތާށިވެފައި ހުރި އިންޑިއާ އަންހެންކުއްޖަކާ ބައްދަލުކުރުމަށް އިރުޝާދު ދީފައެވެ.

ބޮލީވުޑްގެ ހިޓު ފިލްމު "ބަޖްރަންގީ ބައިޖާން" އަކީ ހިޔާލީ ވާހަކައެއް މައްޗަށް ބިނާކޮށް ހެދި ފިލްމެއް ކަމުގައި ވިޔަސް މިއީ ޕާކިސްތާނުގައި 14 އަހަރު ވަންދެން ތާށިވެފައި ހުރި މަންމަނު، ބީރު، އަންހެންކުއްޖެއްގެ ހަގީގީ ދިރިއުޅުމެވެ. އޭނާގެ އާއިލާ ހޯދުމަށް މިހާތަނަށް ކުރި ހުރިހާ މަސަތްކަތެއް ވަނީ ބޭކާރު ވެފައެވެ.

"ޕަންޖާބު އޮފިސަރުންތަކެއް އޭނާ އަހަރުމެން ކައިރިއަށް ގެނައީ މީގެ 14 ވަރަކަށް އަހަރު ކުރިން،" އިޖްތިމާއީ ރައްކާތެރިކަމަށް މަސައްކަތް ކުރާ ގުރޫޕެއް ކަމުގައިވާ "އެދީ ފައުންޑޭޝަން" ގެ އޮފިޝަލެއް ކަމުގައިވާ ފައިސަލް އެދީ ބުންޔެވެ.

"އޭނާ އަނބުރައި ފޮނުވައިލުމަށް ޓަކައި އެތައް އަހަރުތަކެއް ވެއްޖެ އޭނާގެ ޢާއިލާ ނޫނީ އަވަށް ހޯދާތާ،" "އެކްސްޕްރެސް ޓްރައިބިއުނަލް" ނޫހުން ފައިސަލް އާއި ހަވާލާދީ ބުނެފައިވެއެވެ.

ފުރަތަމަ ލާހޯރުގައި ހުންނަ "އެދީ" ސެންޓަރަށް ގެންދެވުނު މި އަންހެންކުއްޖާ ފަހުން ކަރާޗީއަށް ބަދަލުކުރެވުނެވެ. މިތާގައި އުޅެނިކޮށް ބިލްކިސް އެދީ މި އަންހެންކުއްޖާ އާއި ގާތް ގުޅުމެއް އުފެދި "ގީތާ" ގެ ނަމުން ނަންދެވުނެވެ.

ބެލެވޭ ގޮތުގައި މިހާރު 23 އަހަރު ފުރިފައިވާ ގީތާ އޮޅިގެން ޕާކިސްތާނު ބޯޑަރު ހުރަސްކުރީ އޭނާ ކުޑައިރެވެ.

"އެދީގެ މުވައްޒަފުންނާ ކުރެވުނު ހަމައެކަނި މުއާމަލާތަކީ ފޯނަކުން އިންޑިއާ މެޕު ދެއްކުމުން ރޯންފެށްޓުން،" އެ ނޫހުގައި ލިޔެފައިވެއެވެ.

"އޭނާ ގަދަޔަށް ރޮމުން، އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ޖާލަންދަން، ދެން ޓެލަންގަނާ އަށް އިޝާރާތް ކޮށް އޭނާގެ މާޒީއާ ގުޅޭގޮތުން ވާހަކައެއް ބުނަން އުޅުނު."

އިނގިލިތަކާއި މޫނުގެ ހަރަކާތްތައް ބޭނުންކޮށްގެން ގީތާ ވަނީ އޭނާގެ ހަތް ބޭބެއިންނާއި ހަތަރު ދައްތައިން ތިބޭކަމަށް ބުނެފައެވެ.

ސަލްމާން ހާން ކުޅުނު "ބަޖްރަންގީ ބައިޖާން"ގެ ކާމިޔާބީ އާއި އެކު އެކްޓިވިސްޓުން ދަނީ ގީތާ އިންޑިއާއަށް އޭނާގެ އާއިލާ ކައިރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންމެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުންނާއި ތިން އަހަރު ކުރިން އިންޑިއާއަށް ކުރި ދަތުރެއްގައި ގީތާގެ މައްސަލަ ހިއްސާކުރި ކުރީގެ މިނިސްޓަރެއް ކަމުގައިވާ އަންސަރު ބާނީ ވަނީ މިކަމަށް ފޭސްބުކް ކެމްޕެއިނެއް ފައްޓާފައެވެ.

"މިދިޔަ އަހަރު އިންޑިއަން ކޮންސިއުލޭޓްގެ އޮފިޝަލުން އޭނާ ކައިރިއަށް އައިސް ފޮޓޯ ނަގައި މައުލޫމާތު ހޯދި ނަމަވެސް އެމީހުން އެނބުރިއެއް ނާދޭ،" ފައިސަލް ބުންޏެވެ. ޖާނަލިސްޓުން އޭނާގެ އިންޓަވިއު ނެގި ކަމުގައި ވިޔަސް އެކަކަށް ވެސް އޭނާގެ އާއިލާ ހޯދިފައެއް ނުވެއެވެ.

ގީތާގެ ލިޔުންތަކުގެ ތެރެއަށް "193" ވަނަ ނަންބަރު ވަރަށް ގިނައިން ތަކުރާރުވެގެން އާދެއެވެ. ފައިސަލް ގަނޑެއް ނަގައި ގެއެއް ކުރަހުމަށްފަހު ގަލަން ގީތާ އަތަށް ދިނުމުން އޭނާ ހިނިތުންވުމަކާއި އެކު 193 މި ނަންބަރު ލިޔެލައެވެ. މިއީ އޭނާގެ ގޭގެ ނަންބަރު ކަމަށް ވެދާނެ ކަމަށް އެ ނޫހުން ލަފާ ކުރެއެވެ.

ސަލްމާން ހާނުގެ ފިލްމުގައި ދައްކައިދެނީ ޕާކިސްތާނުގެ ކުޑަ މަންމަނު އަންހެން ކުއްޖެއް އިންޑިޔާ ތެރެއަށް ގެއްލި ގެއަށް ނުދެވިގެން އުޅޭ ހާލެވެ. އިންޑިއާ ފިރިހެނެއް އޭނާ އަށް އެހީވެ އޭނާ އާއިލާ ކައިރިއަށް ގެންގޮސްދެއެވެ.

comment ކޮމެންޓް