އިންޑިއާގެ އާންމު އިންތިޚާބުގެ ދެވަނަ މަރުހަލާގެ ވޯޓުލުން ކުރިއަށް

އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން މިއަދު ވަނީ ފަށައިފައި. ފޮޓޯ/އިންޑިއާ ޓުޑޭ

ދުނިޔޭގެ އެންމެ ބޮޑު އިންތިޚާބު ކަމަށްވާ އިންޑިއާގެ އާންމު އިންތިޚާބުގެ ދެވަނަ ފިޔަވަހީގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

ދެވަނަ ފިޔަވަހީގެ ވޯޓުލުން ފަށައިފައި ވަނީ މިހާރުގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީއާއި އިދިކޮޅު ޕާޓީތަކުން ދީނީ ތަފާތު ކުރުންތަކާއި ޓެކްސް ފަދަ ބޮޑެތި މައްސަލަތަކަށް އަމާޒުކޮށް ކެމްޕޭނު ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ގާތްގަޑަކަށް އެއް ބިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އެ އާންމު އިންތިޚާބުގެ ވޯޓުލުން ފެށީ މި މަހުގެ 19 ވަނަ ދުވަހުއެވެ. ހަތް މަރުހަލާއަކަށް ބަހަލައިގެން ވޯޓުލާން ހަމަޖެހިފައިވާ އިންތިޚާބުގެ ވޯޓުލުން ނިންމާނީ އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހުއެވެ. ވޯޓު ގުނަން ހަމަޖެހިފައިވަނީ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މިއަދުގެ ވޯޓުލުން އޮންނާނީ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ޖުމްލަ 543 ގޮނޑީގެ ތެރެއިން 88 ގޮނޑިއަށެވެ. ތޭރަ ސްޓޭޓެއްގެ 160 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

އެ 88 ގޮނޑީގެ ދެބައިކުޅަ އެއްބައި ގޮނޑިއަކީ ދެކުނުގެ ކެރެލާ އާއި ކަރްނާޓަކާ ސްޓޭޓްތަކާއި ހުޅަނގު އުތުރުގެ ރާޖަސްތާން ސްޓޭޓަށް ނިސްބަތްވާ ގޮޑިތަކެވެ.

އިންތިޚާބުގައި މޯދީ މަސައްކަތްކުރައްވަނީ ވިދިވިދިގެން ތިން ވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށެވެ. މި ފަހަރުގެ އިންތިޚާބުގައިވެސް މޯދީއަށް ފަސޭހަ ކާމިޔާބެއް ލިބޭނެ ކަމަށް މިހާތަނަށް ހަދައިފައިވާ ސާވޭތަކުން ދައްކައެވެ.

އިދިކޮޅު ލީޑަރުން އަންނަނީ ގިނަ އަދަދެއްގެ ޕާޓީތައް ގުޅިގެން އިއްތިހާދެއް އުފައްދައި، މޯދީގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް