އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ކުއްލިއްޔާ ނެގުމަށް މަޖިލީހަށް ހުށަހަޅައިފި

ކުއްލިއްޔާ: ސަން ފައިލް ފޮޓޯ

އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ކުއްލިއްޔަތުލް ދިރާސާ ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.

އިސްލާމިކް ޔުނިވާސިޓީ ގާއިމް ކުރުން އަވަސް ކުރުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަސްދީގު ކުރެއްވުމާ ގުޅިގެން ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ ޔުނިވާސިޓީއަކަށް ވަނީ ބަދަލުވެފަ އެވެ. ނަމަވެސް އެތަން ހިންގަމުން ދަނީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ކުއްލިއްޔާ ނެގުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ ގާނޫނު އަސާސީގެ 132 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ދަށުން ކަމަށް މަޖިލީހަށް ފޮނުއްވި ސިޓީގައިވެ އެވެ.

އިސްލާމިކް ޔުނިވަސިޓީގެ ގާނޫނުގެ ތިންވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ޔުނިވާސިޓީގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިނގަމުން އައި "ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ" ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީއަށް ބަދަލު ކުރަން ޖެހޭނެ ކަމަށެވެ.

ކުއްލިއްޔާ އިސްލާމިކް ޔުނިވާސިޓީއަކަށް ވެފައި ވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ކުރުމާއެކު އެވެ.

comment ކޮމެންޓް