ރިޔޫނިއަން އިން އިއްޔެ ފެނުނު ބަޔަކީ ސައިކުރައެއް ކަމަށް ބެލެވޭ

ރިޔޫނިއަން އިން އިއްޔެ ފެނުނު ބައ މިހާރު ވަނީ އިތުރު ތަހުލީލުތަކަށް ގެންގޮސްފައި--- ފޮޓޯ: ބީބީސީ

އިންޑިއާ ކަނޑުގެ ޖަޒީރާއެއް ކަމަށްވާ ރިޔޫނިއަނުން އިއްޔެ ފެނުނު ބަޔަކީ ސައިކުރާ އަކަށް ވެދާނެ ކަމަށް ގިނަ ބަޔަކު ބުނެފި އެވެ.

އިއްޔެ ރިޔޫނިއަން އިން ފެނުނީ މެލޭޝިއާ އެއާލައިންގެ ގެއްލިފައިވާ މަތިންދާ ބޯޓް އެމްއެޗް370ގެ ދޮރު ކަމަށް ބެލެވޭ އެއްޗެއް ކަމަށް އެ ނެގި ފަރާތުން ބުންޏެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކުގައި އެއީ ދޮރުގެ ބައެއް ނޫން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

"ދަ އޭޖެންސް ފްރާންސް ޕްރެސް" ނިއުސް އޭޖެންސީ އިން ބުނީ އިއްޔެ ފެނުނު ބައިގައި ހުރީ ޗައިނީސް ލިޔުން ކަމަށް ބެލެވޭ ދެ ކެރެކްޓަރު ކަމަށެވެ. ނަމަވެސް އިއްޔެ ގިނަ ފަރާތްތަކުން ބުނީ މެލޭޝިއަން ބަހުގެ ކެރެކްޓަރުތަކެއް ކަމަށް އެ އަކުރުތައް ބެލެވޭ ކަމަށެވެ.

ދަގަނޑު ކޭހެއްގައި ހަރުކުރެވިފައިވާ ހޭންޑްލް އެއް އިއްޔެ ފެނުނު ބައިގައި އިނެވެ. އެ ހޭންޑްލް ގައި ލެދާ ކޭސިން އެއް އިން ކަމަށް އެކި މީޑިއާތަކުން ވަނީ ބުނެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެމްއެޗް370 ކަމަށް ބެލެވޭ ބޯޓެއްގެ ބައެއް ރީޔޫނިއަނުން ފެނިފަ އެވެ. ތަހުގީގު ކުރުމަށް ހުކުރު ދުވަހު އެބައި ވަނީ ފްރާންސް އަށް ގެންގޮސްފަ އެވެ. ބޮއެންގް 777 ފްލައިޓެއް ކަމަށް ބެލެވޭ އެ މަތިންދާ ބޯޓުގެ ބައިގެ ތަހުލީލުކުރުމަށް ފްރާންސްގެ ޓުލޫސްގައި ބަހައްޓާފައިވާ އިރު އެ މަސައްކަތް ފަށާނީ ބުދަ ދުވަހު އެވެ.

މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.

comment ކޮމެންޓް