ކުރިއަށް އޮތް އަހަރަކީ މީރާގެ ޑިޖިޓަލް އަހަރެއް: ކޮމިޝަނާ ޖެނެރަލް

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު--

ކުރިއަށް އޮތް އަހަރަކީ މީރާގެ ޑިޖިޓަލް އަހަރު ކަމަށާއި، ޓެކްނޮލޮޖީގެ ރޮނގުން ފާހަގަކޮށްލެވޭފަދަ ކުރިއެރުންތަކެއް އަންނަ އަހަރު މީރާއިން ހޯދާނެ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މީރާއަށް އިއްޔެ ފަސް އަހަރު ވުމާއެކު ދެއްވި ހިތާބެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި މީރާގެ ސަރަހައްދީ އޮފީސްތަކާއި ކަލެކްޝަން ސެންޓަރުތައް އިތުރު އަތޮޅުތަކެއްގައި ގާއިމްކުރެވިގެން ދާނެ ކަމަށެވެ. ހަމައެއާއެކު އަންނަ އަހަރު މޯލްޑިވްސް ޓެކްސް އެކެޑަމީ އިފްތިތާހު ކޮށް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ޓެކުހާ ގުޅޭ ކޯސްތަކެއް ވެސް ތައާރަފު ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ޓެކްސްގެ ގަވާއިދުތަކުގައި މިހާރު ހުރި ލޫޕްހޯލްތައް ފާހަގަކޮށް، އެ މައްސަލަތައް ހައްލުކުރުމަށާއި، ޓެކްސް ދައްކާ ފަރާތްތަކަށް ލުއިދެވެން ހުރި ކަންކަން ފާހަގަކޮށް އެ ގޮތުން ދެވެން ހުރި ލުއިތައް ދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވެސް ހަމަޖެހިފައިވޭ،" ކޮމިޝަނާ ޖެނެރަލް ވިދާޅުވި އެވެ.

ވޭތުވެދިޔަ ފަސް އަހަރަށް އަލިއަޅުވާލައި ޔަޒީދު ވިދާޅުވީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މީރާއަކީ، ނަޒާހަތްތެރިކަމާއި ހަމަހަމަކާއެކު، ވަކި ފަރާތަކަށް ނުޖެހި މަސައްކަތްކުރާ މުއައްސަސާއެއްކަން ޓެކްސް ދައްކާ ފަރާތްތަކާއި އާންމު ރައްޔިތުން ބަލައިގަތުން ކަމަށެވެ.

މީރާއަށް ފަސް އަހަރުވުން ފާހަގަކުރުމަށް "ޓެކްސް ވީކް" އެއް މި މަހުގެ 8 ގެ ނިޔަލަށް ހިންގުމަށް ވަނީ ނިންމާފަ އެވެ. އެ ޕްރޮގުރާމްގެ ދަށުން އާންމުންނަށް މީރާގެ މަސައްކަތުގެ މާހައުލު ގާތުން ތަޖުރިބާކޮށްލުމަށް އޯޕަން ޑޭ އެއް ފާހަގަކުރުމަށާއި، ސްކޫލްތަކަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށާއި، ކުޑަކުދިންގެ ހަވީރެއް ފާހަގަކުރުމަށާއި، މީރާގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފާހަގަކުރުމަށް މީރާއިން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް