އެޗްއާރްސީއެމަށް އައްޔަން ކުރުމަށް ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ---- ފޮޓޯ/ މަޖިލިސް

ހިއުމަން ރައިޓްސް ކޮމިޝަނު (އެޗްއާރްސީއެމް)ގައި މިހާރު ހިމެނޭ ދެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ ދެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސް ޔާމީން ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ ރ. ކަނދޮޅުދޫ، ހުސްނުހީނާގެ، މޫސާ އަލީކަލޭފާނުގެ އިތުރުން ސ. ހިތަދޫ، ޝުމައިސް، ނައިވީން އަބްދުﷲގެ ނަންފުޅު މަޖިލީހުން ދިރާސާކޮށް އެ ދެ ބޭފުޅުންގެ ނަންފުޅާ ދޭތެރޭ ގޮތެއް ނިންމަވައި ދެއްވުން އެދޭ ކަމަށެވެ.

މަޖިލީހުގެ ރިއާސަތުން ވަނީ އެ ދެ ބޭފުޅުންގެ ނަންފުޅު އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުވާފައި އެވެ.

އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.

އެޗްއާރްސީއެމްގައި މިހާރު ހިމެނޭ ދެ މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހަށެވެ.

މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ޓަކައި ތިން ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފަ އެވެ. އެ ތިން ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދު އާއި އައިޝަތު އަފުރީނު މުހައްމަދުގެ އިތުރުން އައިޝަތު އީނާޝް އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ އެ ތިން ބޭފުޅުންނަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފަ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން ހިމެނެނީ ފަސް މެމްބަރުންގެ މައްޗަށެވެ.

comment ކޮމެންޓް