ދެ ވަނަ މެޗްގައި ސީޝެލްސް އަތުން ރާއްޖޭގެ ފުޓްބޯޅަ ޓީމް މޮޅުވެއްޖެ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފިރިހެން ފުޓްބޯޅައިގައި މަޔޯއްޓޭއާއި ރާއްޖެ ބައްދަލު ކުރި މެޗްގެ ތެރެއިން --- ފައިލް ފޮޓޯ/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ ފުޓްބޯޅަ ޓީމު ކުޅުނު ދެ ވަނަ މެޗް 2-1 ގެ ނަތީޖައަކުން ސީޝެލްސް މައްޗަށް ރާއްޖޭގެ ޓީމު ކާމިޔަބު ހޯދައިފިއެވެ.

މިމެޗްގައި ރާއްޖެއިން ސީޝެލްސްގެ މައްޗަށް ކާމިޔަބު ހޯދީ އެޓީމުން ލީޑް ނަގަފައިވަނިކޮށް ފަހަތުން އަރައި ކާމިޔާބު ކުރި ދެލަނޑުންނެވެ.

މެޗްގައި ރާއްޖޭގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ ފުރަތަމަ މެޗްގައި މަޔޯއްޓޭގެ ކޮޅަށްވެސް ލަނޑު ޖެހި މުޙައްމަދު އުމޭރުގެ އިތުރުން އަހްމަދު އިމާޒު އާއްކޮއެވެ.

އުމޭރު ލަނޑު ކާމިޔާބު ކުރީ ދިވެހި ޓީމަށް ލިބުނު ޕެނަލްޓީއެއްގައި މެޗްގެ 28 ވަނަ މިނެޓްގައެވެ.

މީގެ އިތުރުން މެޗްގެ 42 ވަަނަ މިނެޓްގައި އުމޭރަށް ވަނީ ދިވެހި ޓީމަށް ލިބުނު ޕެނަލްޓީއެއްގައި ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ޕެނަލްޓީ ކާމިޔާބުވާ ގޮތެއް ނުވިއެވެ.

އެ ޕެނަލްޓީ ނާކާމިޔާބުވިނަމަވެސް އޭގެ އެއް މިނެޓްފަހު އިމާޒު ވަނީ ރާއްޖެ މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗްގައި ސީޝެލްސްގެ ލަނޑު ކާމިޔާބު ކުރީ މެޗް ފެށިގެން ފަސް ވަނަ މިނެޓް ތެރޭގައެވެ.

comment ކޮމެންޓް