އެޓަލަންޓާ، ކޮޕާ އިޓާލިއާގެ ފައިނަލަށް

އެޓަލާންޓަގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ/ ޔޫރޯ ސްޕޯޓް

ކޮޕާ އިޓާލިއާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ އެޓަލާންޓާއިން ކަށަވަރުކޮށްފިއެވެ.

ފައިނަލްގެ ޖާގަ އެޓަލާންޓާއިން ހޯދީ ސެމީފައިނަލްގައި ފިއޮރެންޓީނާއާ ބައްދަލުކޮށް ކުޅުނު ދެ ލެގަށް ބަލާއިރު 4-2 އިން ކުރި ހޯދައިގެންނެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު 1-0 އިން ފިއޮރެންޓީނާ އަމިއްލަ ދަނޑުގައި ކާމިޔާބުކުރިއިރު ރޭ ކުޅުނު ދެވަނަ ލެގު 4-1އިން ކާމިޔާބުކުރީ އެޓަލާންޓާއެވެ.

ރޭގެ މެޗުގެ ފެށުން ދިޔައީ އެޓަލާންޓާއިން އެންމެ ބޭނުންވި ގޮތަށެވެ. މެޗުގެ އަށްވަނަ މިނެޓުގައި އެޓަލާންޓާއިންވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޓެއުން ކޫޕްމެއިނާއެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އިތުރު ފުރުސަތު ދެ ޓީމަށް ލިބިގެންދިޔަ ނަމަވެސް އިތުރު ލަނޑެއް ފެންނަ ގޮތެއް ނުވިއެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ފިއޮރެންޓީނާގެ ޑޮފެންޑަރު ނިކޮލާ މިލެންކޮވިޗަށް ރަތް ކާޑު ދެއްކުމާ އެކު މެޗުގެ ފަހު ބައި އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. ނަމަވެސް އެއް ކުޅުންތެރިއެއް މަދުކޮށް ކުޅެމުން ދިއުމާ އެކު ވެސް ފިއޮރެންޓީނާއިންވަނީ މެޗުގެ 68 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިފައެވެ.

އެކަމަކު، 75 ވަނަ މިނެޓުގައި ޖިއާންލޫކާ ސްކަމަކާ ޖަހައިދިން ލަނޑުން އެޓަލާންޓާއިންވަނީ މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގައި އެގްރިގޭޓް ނަތީޖާއިން ހަމަހަމަކޮށްފައެވެ. އެޓަލާންޓާގެ ތިންވަނަ ލަނޑު އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ޖަހައިދިނީ އަޑެމޯލާ ލޫކްމަންއެވެ. އެ ޓީމުގެ ފަހު ލަނޑު އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި ޖަހައިދިނީ މާރިއޯ ޕަސަލިޗެވެ.

މުބާރާތުގެ ފައިނަލްގައި އެޓަލާންޓާ ބައްދަލުކުރާނީ ޔުވެންޓަސްއާއެވެ.

comment ކޮމެންޓް