މުސްކުޅިވުމުގެ ކުރިން ޒުވާން ޢުމުރު ހެޔޮގޮތުގައި ހޭދަކުރުން

އިސްލާމީ މަރުކަޒަށް ބަޔަކު ހުކުރަށް ގޮސް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

އިންސާނާ އަކީ ﷲ އެންމެ ލޯބިވެވޮޑިގަންނަވާ މަޚްލޫގެވެ. އިންސާާނާއަށް ﷲ ވަނީ ވަރަށް ގިނަގުނަ ނިޢުމަތްތައް ދެއްވާފައެވެ. ޒުވާންކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، ތަނަވަސްކަމާއި މުދާވެރިކަމާއި، ދުނިޔޭގެ ދިރިއުޅުމާއި، ވަގުތާއި، މިފަދަ އެތައްކަމެއް ހިމެނެއެވެ. މި ނިޢުމަތްތަކަކީ ވަކިން ޚާއްޞަކޮށް އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވާ ނިޢުމަތްތަކެކެވެ. މިހެންކަމުން މިކަމާމެދު ފުންކޮށް ވިސްނާލުމަކީ ކޮންމެހެން ވެސް މުހިންމުކަމެކެވެ.

މުސްކުޅިވުމުގެކުރިން ޒުވާންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހެއެވެ. ޒުވާން ޢުމުރަކީ އިންސާނާގެ ގައިގައި ހަކަތައާއި، އާރާއި ބާރު ލިބިފައިވާ ޢުމުރެވެ. ޒުވާންކަމަކީ ކީރިތި ޤުރުއާނާއި ސުންނަތުގައި އެއަށް ތަޢުރީފުގެ ބަސްފުޅުތައް ރައްދުކުރައްވާފައިވާ ކަމެކެވެ. ޒުވާން ޢުމުރުގައި ހެޔޮޢަމަލު ކުރުމުގައި ދެމިހުރެވިއްޖެނަމަ މުސްކުޅިވާ ދުވަހަކުން ﷲ އިންސާނާއަށް ރައްކާތެރިކަން މިންވަރު ކުރައްވާނެއެވެ. ޢުމުރުގައި ބަރަކާތް ލައްވާނެއެވެ.

ﷲގެ މަތިވެރި ޢަރުޝީގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި، ހިޔާވަހިކަން ދެއްވައި އެދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުން ސަލާމަތްކޮށްދޭ ހަތް ބައި މީހުންގެ ތެރޭގައި އެއް ބަޔަަކީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރާ ޒުވާނުންނެވެ. ކިޔަަމަންތެރިކަމަކީ ﷲ ރުހިވޮޑިގެންވާމަގުގައި އުޅުމެވެ. އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދައްކަވާފައިވާ ރިވެތި އަޚުލާޤުގައި ހިފުމެވެ. އޭގެ ތެރޭގައި ފަސްނަމާދުކުރުމާއި، ރޯދަހިފުމާއި، ޙައްޖުވުމާއި މުދަލުން ޒަކާތްނެރުމާއި، ކައިވެނިކޮށް ޢިއްފަތެރިވުމާއި، މީސްތަކުންނަށް ހެޔޮކޮށް ހިތުމާއި މައިންބަފައިންނަށް ކަމޭހިތުމާއި، މިފަދަ ހެޔޮ ކޮންމެ ކަމެއް ހިމެނެއެވެ. އަދި ހެޔޮ ބަސްބުނުމާއި ތިމާގެ އަޚާއަށް ހިނިތުންވުމާއި މަޢާފް ކުރުން ހިމެނެއެވެ. ވަކިން ޚާއްޞަކޮށް މަޢާފްކުރުމަކީ ވަރަށް ވަރުގަދަ ޢަޒުމުގެ އަހުލުވެރިންނަށް ނޫނީ ނުކުރެވޭ ވަރުގެ ހިއްވަރުގަދަ ޢަމަލެކެވެ.

ނިކަންބައްލަވާށެވެ! ސަލާމްލެއްވި ޔޫސުފްޢަލައިހިއްސަލާމަށް އެކަލޭގެފާނުގެ ބޭބޭފުޅުމެންގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ހިތްދަތިކަމާއި، ވޭނާއި ކެކުޅުމާއި، ވަޅަށްވައްޓާލުމުން އެވަޅުގެ އަނދިރީގައި ހޭދަކުރެއްވުމާއި، ޤާފިލާއެއްގެ ބަޔަކު އެވަޅުން އެކަލޭގެފާނު ނަގައިގެން ގޮސް އަޅެއްގެ ގޮތުގައި ވިއްކާލުމާއި، މިޞްރުގެ ޢަޒީޒު ގަނޑުވަރުގައި ދިމާވި ހިތާމަވެރި ޙާދިސާއާއި، ޖަަލުގައި ހުންނަވަންޖެހިވަޑައިގަތުމާއި، ބައްޕާފުޅު ސަލާމްލެއްވި ޔަޢުޤޫބާއި އެތައް އަހަރެއް ވަންދެން ދުރުގައި ހުންނަވަންޖެހިވަޑައިގަތުމާއި މިފަދަ އެތައް ހިތާމަތަކަކަށް ފަހު ވެސް އެކަލޭގެފާނުގެ ބޭބޭފުޅުމެންނަށް މަޢާފްކުރެއްވުމުގައި ދެއްކެވި ރިވެތި ނަމޫނާއަކީ ކޮންމެ ޒުވާނަކަށް ހުރި ޢިބުރަތުން ފުރިގެންވާ ރިވެރި ދަރުސެކެވެ. މިހެންކަަމުން ކޮންމެ ޒުވާނަކު ވެސް މިފަދަ ޢިބްރަތްތެރި ދަރުސްތަކުން ފިލާވަޅުލިބިގަތުމަކީ ދުނިޔެއާއި އާޚިރަތުގައި ނަސީބު ލިބިގެންދާނެކަމެކެވެ.

އާދެ! އިސްލާމްދީނަކީ އުފާވެރިކަމުގެ ދީނެވެ. މުނިފޫހިފިލުވުމާއި ކުޅިވަރުކުޅުމުގެ ފުރްޞަތު ވެސް ދީފައިވާ ދީނެވެ. ނަމަވެސް މިކަންކަމަކީ އިސްލާމީ އަދަބު އަޚްލާޤުގެ ތެރޭގައި ހުއްދަކުރެވިފައިވާ ކަންކަމެވެ. މިސާލަކަށް ފުޓްބޯޅަކުޅުމަކީ ދީން މަނާކުރާ ކަމެއްނޫނެވެ. ނަމަވެސް ނަމާދު ވަގުތު ޖެހުމުން އިސްކަން ދޭންވާނީ ނަމާދަށެވެ. އެއަށް ފަހު ކުރިއަށް ގެންދާނީއެވެ. ނަމާދު ގެއްލޭ ގޮތައް އެއްވެސް ކަމެއްކޮށްގެންނުވާނެއެވެ. އެއީ އިސްލާމްދީނުގެ އެންމެ މަތިވެރި އަޅުކަމެވެ. ދީނުގެ ތަނބެވެ. ނަމާދަކީ ވަކި މޫސުމަކަށް އޮންނަ ކަމެއްނޫނެވެ. އެއީ މުސްލިމު އިންސާނާގެ މުޅި ހަޔާތުގައި ވެސް އެންމެ މުހިންމު ކަންދޭންވީ އަސާސެވެ. އެއީ ކާމިޔާބުގެ ތަޅުދަނޑިއެވެ. ބަންގީގައި އެގޮވާލެވެނީ ކާމިޔާބާއި ފަލާޙުގައި ބައިވެރިވުމަށް އައުމަށެވެ. އެހެންކަމުން ނަމާދަށް ގޮވާލުމުން އެއަށް އިޖާބަދީ އެހެން ކަންކަމަށް ވުރެން ނަމާދަށް އިސްކަންދިނުމަކީ ވާޖިބުކަމެކެވެ. ނަމާދަކީ ވަގުތު ކަނޑައެޅިގެންވާ އަޅުކަމެކެވެ. އަދި ޤިޔާމަތްދުވަހުގައި އެންމެ ފުރަތަަމަ ޙިސާބު ބެއްލެވޭ އަޅުކަމެވެ. ނަމާދުން ފާސްވެއްޖެ ނަމަ އެހެން އެންމެހައި ކަމަކުން ފާސްވާނޭކަމަށް ނަބަވީ އިރުޝާދުތަކުގައި އައިސްފައިވެއެވެ.

އާދެ! މިހާރު އަޅުގަނޑުމެންނާ ކުރިމަތިލާފައި މިވަނީ މަތިވެގެންވާ މައްސަރެކެވެ. ރަމަޟާންމަހެވެ. މި މަހުގެ ދުވަސްތަކަކާއި ރޭތަކަކީ ﷲ މާތްކުރައްވާފައިވާ ދުވަސްތަކަކާއި ރޭތަކެކެވެ. މިހެންކަމުން މިދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ކޮންމެ ޒުވާނަކު ވެސް ހިއްވަރާއި ޢަޒުމުގައި ކުރަންވާނެކަމެކެވެ. ޚާއްޞަކޮށް ފަރުޟުނަމާދު ޖަމާޢަތުގައި ކުރުމަކީ އެކަނިކުރާ ނަމާދަށްވުރެން ހަތާވީސްގުނަ ޘަވާބު އިތުރުވެގެންވާ ކަމެކެވެ. އަދި ރަމަޟާންކަމަހީ އެހެނިހެން މަސްތަކާއި ޚިލާފަށް ހެޔޮޢަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރުކޮށްދެއްވާ މައްސަަރެކެވެ. މާދަމާ ހަށިގަނޑުގެ ވަރުދެރަވެ މުސްކުޅިވުމުން ކިތަންމެ ގިނައިން އަޅުކަންކޮށް ހެޔޮޢަމަލުތައް ގިނަކުރަންބޭނުންވި ނަމަވެސް އެދުވަހުން ޒުވާން ޢުމުރުގައި ލިބިފައިވާ ފަދަ ބާރާއި ހަކަތައެއް ނުހުންނާނެއެވެ. ވީމާ ބުއްދިވެރިކަން އިސްކޮށް މުސްކުޅިވުމުގެކުރިން ޒުވާންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފާާށެވެ!

comment ކޮމެންޓް