އެމްޑީޕީގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އިނގިލީގެ ނިޝާން ހޯދަން އެންގުމުން މޫސަ ކަންބޮޑުވުން ފާޅުކުރައްވައިފި

ރީކޯ މޫސަ ރައީސް ނަޝީދާ އެކު --- ފައިލް ފޮޓޯ

އެމްޑީޕީގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ ފިންގާ ޕްރިންޓު ހޯދަން އިލެކްޝަންސް ކޮމިޝަނުން އަންގާފައި ވާތީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރީކޯ މޫސަ މިއަދު ސަން އަށް ވިދާޅުވީ އެމްޑީޕީއަށް ގިނަ އަދަދެއްގެ މެމްބަރުން ވައްދާފައި ވަނީ އެ ޕާޓީން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އަދި އޭނާ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އިރު ވެސް ގިނަ އަދަދެއްގެ މެމްބަރުން އެ ޕާޓީއަށް ވައްދާފައިވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އެންމެ ފުރަތަމަ ސިޔާސީ ޕާޓީތައް އުފެދިގެން އައިއިރު އިނގިލީގެ ނިޝާން ޖަހާގޮތަށް ގަވާއިދެއް ހަދާފައި ނޯންނަ ކަމަށެވެ.

އޭގެފަހުން ގާނޫނާއި ގަވާއިދުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ޕާޓީތަކުގައި ތިބި މީހުން ޕާޓީތަކުން ވަކިކުރެވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބެންޖެހޭ އަދަދާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކާ ގުޅިގެން ސުޕްރީމް ކޯޓުން ކުރި ހުކުމަށް ބަލާއިރުވެސް މިފަދަ ކަންކަމުގައި ޕާޓީތަކުގެ މެމްބަރުންގެ އިހުސާސްތަކާއި ކަންކަމުގައި އެކަށީގެންވާ ވަގުތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ރިއާޔަތް ކުރައްވަން ޖެހޭނެ،" މޫސަ ވިދާޅުވިއެވެ.

އެމްޑީޕީންގެ މެމްބަރުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ 46،608 މީހުންގެ ތެރެއިން، 23،058 މީހެއްގެ އިނގިލީގެ ނިޝާން ހޯދަން އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް އަންގާފައި ވެއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މިކަމާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކުރަމް ވިދާޅުވީ ފޯމްތަކުގައި އިނގިލީގެ ނިޝާން ޖެހުމަށްފަހު އަލުން ހުށަހަޅަން އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ކޮމިޝަނުން ވަނީ ފުރުސަތުދީފައި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކޮމިޝަނުން އަބަދުވެސް އަމަލުކުރަނީ ސިޔާސީޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށާއި އެ ކޮމިޝަންގެ މަގުސަދަކީ ހަރުދަނާ ކަމާ އެކު ޕާޓީތައް ކުރިއަށް ގެންދިޔުމަށް އެހީތެރިވެދިނުން ކަމަށެވެ.

ކޮމިޝަނަށް ލިބޭ އެންމެ ބޮޑު ޝަކުވާ އަކީ މީހުންނަށް ނޭނގި އެމީހުން ޕާޓީތަކަށް ވައްދާ މައްސަލަ ކަމަށާއި ހުރިހާ ފޯމެއްގައި އިނގިލީގެ ނިޝާން ޖެހުމުން އެކަން ހައްލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް