ހުޅުމާލޭ ނެރުމަތީގައި ފެެރީއަކާއި ޑައިވިން ދޯންޏެއްޖެހި އެކްސިޑެންޓެއް ހިނގައިފި

މާލެއިން ހުޅުމާލެއަށް ދަތުރުކުރި "ނިޔާމަ-6" ފެރީ ދޯނީގެ އަރިމަތީގައި ޑައިވިން ދޯނިން ޖެހި ހަލާކުވެފައި -- ފޮޓޯ: ކިޔުންތެރިއެއް

ހުޅުމާލޭ ނެރުމަތީގައި އެމްޓީސީސީގެ ފެރީ އަކާއި ޑައިވިން ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ، މިރޭ 8:45 ކަންހާ އިރު ކަމަށާއި، އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގިވަގުތު ފެރީގައި އިން ޒުވާން އުމުރު ފުރައިގެ ފިރިހެނަކަށް ކުޑަކުޑަ އަނިޔާއެއް ލިބިފައިވީ ނަމަވެސް އިތުރު މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެކްސިޑެންޓް ހިނގީ މާލެއިން ހުޅުމާލެއަށް ދަތުރުކުރި "“ނިޔާމަ-06" ނަމަކަށް ކިޔާ ފެރީ ހުޅުމާލެއަށް ވަންނަނިކޮށް، ހުޅުމާލޭ ނެރުން ނުކުންނަން އެވަގުތުއައި ޑައިވިން ދޯންޏެއްގައި ޖެހިގެން ކަމަށެވެ.

އެމްޓީސީސީގެ ފެރީތަކާ ބެހޭބައިގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ، މި ހާދިސާގައި ފެރީގެ އަރިމަތީ ފިލާގެ ބައެއް ހަލާކުވެފައިވާއިރު ފެރީގައި ޖެހުނު ދޮންކަމަނަ ސަފާރީގެ ޑައިވިން ދޯންޏަށްވެސް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ނިޔާމަ-6 ފެރީ، މާލެއިން 21 ވަރަކަށް ސައިކަލާއި އެ އުޅަނދުތަކުގެ މީހުން ގޮވައިގެން ހުޅުމާލެއަށް ދިޔައީ. އެކްސިޑެންޓް ހިނގީ އަޅުގަނޑުމެންގެ ފެރީ ނެރުން ވަންނަނިކޮށް ދޮންކަމަނަ ސަފާރީގެ ޑައިވިން ދޯނި ނެރުން ނުކުންނަން އުޅެނިކޮށް،" އެކްސިޑެންޓާބެހޭ މައުލޫމާތު ދެއްވަމުން އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ، އެ ހާދިސާ އިތުރަށް ތަހްގީގުކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް