ހަމާސް އިން ޣައްޒާގައި ހިންގާ ވެރިކަން ވައްޓާލާނެ ކަމުގެ އިންޒާރު އައިއެސްއިން ދީފި

އައިއެސްގެ ހަނގުރާމަވެރިން--

ޣައްޒާ (ޖުލައި1): އިރާގާއި ސީރިޔާގެ ބޮޑު ބައެއް ހިފައިގެން އުޅޭ ހަރުކަށި ޖަމާއަތް ކަމަށްވާ އައިއެސް ޖަމާއަތުން ފަލަސްތީނުގެ އިސްލާމީ ފިކުރުގެ ޙަމާސް ޖަމާއަތަށް ހަރުކަށި އިންޒާރެއް ދީފި އެވެ.

އައިއެސް އިން ހަމާސް އާ މުޚާތަބުކޮށް ޝާއިޢުކޮށްފައިވާ މެސެޖެއްގައި އިސްރާއީލުގެ އިސްތިޢްމާރާ އަދި އަނިޔާވެރިކަމާ ދެކޮޅަށް މިނިވަން ކަމުގެ ޖިހާދުކުރަމުން ގެންދާ ޙަމާސް ޖަމާއަތަކީ "ތާޣޫތުން" (ޓައިރަންޓުން ނުވަތަ އަނިޔާވެރިން) ކަމަށް ސިފަކޮށް ޙަމާސް އިން ޣައްޒާގައި ހިންގާ ވެރިކަން ފުނޑުފުނޑު ކޮށްލާނެކަމުގެ އިންޒާރު ދީފައިވެ އެވެ.

އަދި ޣައްޒާއަށް އައިއެސްގެ ހަނގުރާމަވެރިން ޒަހްފުކޮށް އެތަނުގައި އިސްލާމީ ޝަރީޢަތް ގާއިމްކުރާނެ ކަމަށާއި ޔަހޫދީންގެ ދައުލަތް މުލުން ލުހެލާނެ ކަމަށްވެސް ބުނެފައިވެ އެވެ. އެ މިސެޖްގައި ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ފަލަސްތީނުގެ ޖަމާއަތްތައް ކަމަށްވާ ހަމާސް އާއި ފަހްތު ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތްފަދަ ޖަމާއަތްތަކަކީ ލާދީނީ އިލްމާނީ ޖަމާއަތްތައް ކަމަށް ސިފަކޮށް މި ބިންމަތީގައި މާތްﷲ ގެ ޝަރީޢަތް ގާއިމްކުރާ ހަމައެކަނި ފަރާތަކީ އައިއެސްކަމާއި އެ ޖަމާއަތުން މުޅި ފަލަސްތީނު ހިފާނެ ކަމުގެ ބިރު ވެސް ދައްކާފައިވެ އެވެ.

އައިއެސްއަކީ މުސްލިމުންނަށް ބިރު ދައްކައި މުސްލިމުން ޑަޒަން ޑަޒަނަށް ކަތިލަމުންދާ ޖަމާއަތަކަށްވާއިރު އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު އަމަލުތަކާމެދު އައިއެސްއިން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. އަދި އައިއެސްގެ އެއްވެސް ޙަމަލާއެއް އިސްރާއީލަށް ވެސް އަމާޒުވެފައެއް ނުވެ އެވެ.

އައިއެސްއިން ސީރިޔާގެ ބޮޑު ބައެއްގައި ވެރިކަން ކުރަމުން އަންނައިރު އިސްރާއީލުން ސީރިޔާގެ ގޯލާންގެ ބިންތައް ހިފައިގެން އޮތް ނަމަވެސް ގޯލާނުގައި މަރުކަޒުކޮށްފައިވާ އިސްރާއީލު ސިފައިންނަށް އަމާޒުކޮށް އައިއެސްއިން އެއްވެސް ހަމަލާއެއް ދީފައެއް ނުވެ އެވެ. މީގެ ބަދަލުގައި އައިއެސް އިން ހަނގުރާމަ ކުރަމުން ގެންދަނީ ސޫރިޔާ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެކޮޅަށެވެ.

އައިއެސްގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒު ކުރަނީ އެ ޖަމާއަތުގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ ޖަބްހަތުއްނުސްރާ ޖަމާއަތާއި ފްރީސިރިޔަން އާމީ ޖަމާއަތްފަދަ ޖަމާއަތްތަކަށެވެ. ޣައްޒާއިން ދާދި ފަހުން އައިއެސްގެ ހަރުކަށި ފިކުރުފާޅުވާން ފެށުމުން ހަމާސްގެ މުޖާހިދުން ވަނީ އައިއެސްއާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގައި އައިއެސްގެ ހަނގުރާމަވެރިންގެ ތެރެއިން ބައެއް މީހުން މަރާލާފަ އެވެ. ހަމާސްއިން އައިއެސް ސިފަކުރަނީ އިސްލާމީ މުޖްތަމައުގައި ފިތުނަ އުފައްދަން މަސައްކަތްކުރާ ޚަވާރިޖުންގެ ބައިގަނޑެއްގެ ގޮތުގަ އެވެ. (ރޮއިޓާސް)

comment ކޮމެންޓް