އިސްލާމިކް ސްޓޭޓުން އިރާގު ސިފައިންގެ 11 މީހަކު މަރާލައިފި

ފޮޓޯ: އަލް އަރަބިއްޔާ

އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ލެވާންތު (އައިސިލް) އިން އިރާގު ސިފައިންގެ 11 މީހަކު ނިދަން ތިއްބާ މަރާލައިފި އެވެ.

އިރާގުގެ ވެރިރަށް ބަޣުދާދުގެ 120 ކިލޯމީޓަރު އުތުރުން އޮންނަ އަލް ޢަޒީމް ޑިސްޓްރިކްޓުގައި އައިސިލް ހަނގުރާމަވެރިން ހިންގި މި ޖަރީމާ އެ ގައުމުގެ ސެކިއުރިޓީ އޮފިޝަލުން ވަނީ ބޭރުގެ މީޑިއާތަކަށް ކަަށަވަރުކޮށްދީފައެވެ.

އައިސިލް އިން މި ހަމަލާގެ ޒިންމާ ސީދާ ގޮތެއްގައި ނަގާފައިނުވާއިރު، މި ހަމަލާ ދީފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި އިރާގުގެ ސަލާމަތީ ޚިދުމަތްތަކުން މިހާރު ހަރަކާތްތެރިވަމުން އަންނައިރު، މިއީ ފާއިތުވި ދުވަސްތަކުގައި އައިސިލް އިން އިރާގުގެ އަސްކަރިއްޔާއަށް ދިން އެންމެ ވަރުގަދަ އެއް ހަމަލާއެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ސީރިއާއާއި އިރާގުގައި އައިސިލް ބަލިކޮށްފައިވާއިރު، އެ ޖަމާއަތަށް ނިސްބަތްވާ މެމްބަރުން އަންނަނީ އަދިވެސް ހަމަލާތައް ދެމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގައި އެ ޖަމާއަތުގެ މެމްބަރުން ވަނީ ޝިއާ މުސްލިމުންގެ ސަރަހައްދަކަށް ހަމަލާދީ، 10 މީހަކު މަރާލާފައެވެ.

comment ކޮމެންޓް