ދެވަނަ ފަހަރަށްވެސް ހޮލެންޑްގެ ކޯޗްކަމާ ހަވާލުވި ހިޑިންކް އިސްތިއުފާ ދިފީ

ގޫސް ހިޑިންކް: އޭނާ ވަނީ ހޮލެންޑްގެ ކޯޗްކަމުން އިސްތިއުފަ ދީފައި --- ފޮޓޯ/ ރޮއިޓަސް

ދެ ވަނަ ފަހަރަށް ހޮލެންޑްގެ ގައުމީ ޓިމް ކޯޗްކަމާ ހަވާލުވެ 10 މަސް ފަހުން ގޫސް ހިނޑިންކް އެމަގާމުން އިސްތިއުފާ ދީފިއެވެ.

ހިޑިންކް ކޯޗްކަމުން ވަކިވީ ޔޫރޯ ކޮލިފައިންގައި ހޮލެންޑްގެ ގައުމީ ޓީމަށް އެގައުމުގެ ސަޕޯޓަރުން ބޭނުންވާ ވަރުގެ ކާމިޔާބެއް ހޯދައި ނުދެވޭތީއެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށްފަހު ހޮލެންޑްގެ ގައުމީ ޓީމްގެ އޭރުގެ ކޯޗް ލުއިސް ވެންހާލް އެގްރިމެންޓްގެ މުއަދަތު ހަމަވުމަށްފަހު ވަކިވުމުމުން ހިޑިންކާ ކޯޗް ކަން ހަވާލު ކުރީ މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށެވެ.

މިދިޔަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައި ތިން ވަނަ ހޯދި ހޮލެންޑް ޓީމް އޮތީ ޔޫރޯ ކޮލިފައިންގެ ގުރޫޕް އޭ ގައި އައިސްލެންޑާ ޗެކް ރިޕަބްލިކްގެ ފަހަތުން ތާވަލްގެ ތިން ވަނައިގައެވެ.

ދެ ވަނަ ފަހަރަށް ހޮލެންޑްގެ ކޯޗްކަމާ ހަވާލުވި ހިޑިންކް ކޯޗްކަމުން ވިކިވި ސަބަބާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ ހޮލެންޑްގެ ކޯޗްކަމާ ދެ ވަނަ ފަހަރަށް ހަވާލުވީ ޝަރަފެއް ކަމުގައި ދެކިގެން ކަމަށާއި އަދި ޓީމަށް ކާމިޔާބު ހޯދަިދިނުމަށް ވަރަށް ބޮޑަށް އުންމީދުކޮށްގެން ކަމަށެވެ.

ކޮލިފައިންގައި ކަންތައް ދިޔަ ގޮތުން "އަހަރެން ވަރަށް ބޯޑަށް މާފަށް އެދެން" ހިޑިންކް ބުންޏެވެ.

މީގެ ކުރިން ހޮލެންޑްގެ ކޯޗްކަން ހިޑިންކް ކޮށްފައިވަނީ 1995 އިން 1998 ކަށެވެ. އެފަހަރު އޭނާ ހޮލެންޑްގެ ކޯޗްކަމުން އިސްތިއުފާ ދިނީ 1998 ގެ ވޯލްޑްކަޕްގެ ސެމީފައިނަލްގައި ބްރެޒިލް އަތުން ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުން ބަލިވުމަށްފަހުއެވެ.

ހޮލެންޑްގެ ރޯޔަލް ފުޓްބޯޅަ އެސޯސިއޭޝަންގެ ޑިރެކްޓަރ ބާޓް ވެން އޮސްޓަވީން ވިދާޅުވީ ކަންތައް ދިޔަ ގޮތުން އެކަމާ ދެރަވާ ކަމަށާއި ކަންދިމާ ކުރި ގޮތުން ހިޑިންކްގެ މަސައްކަތް ގިނަ ބަޔަކަށް ފާހަގަ ކުރެވިގެން ނުދާކަމަށެވެ.

ހޮލެންޑްގެ ޕީއެސްވީ އެންދޯވަންއާއި ރެއާލް މެޑްރިޑާ ޗެލްސީއަށްވެސް ކޯޗް ކޮށްދީފައިވާ ހިޑިންކްގެ ބަދަލުގައި ހޮލެންޑްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ހިޑިންކްގެ އެސިސްޓެންޓަކަށް ހުރި ޑެނީ ބްލިންޑްއެވެ.

ހޮލެންޑްގެ މިހާރުގެ ކޯޗް ޑެނީ ބްލިންޑް: އޭނަ ކޯޗަކަށް ހަމޖެއްސީ އޭނާގެ ހެޑަކަށް ހުރި ހިޑިންކް ކޯޗްކަމުން އިސްތިއުފާ ދިނުމުން --- ފޮޓޯ/ ވީއައި އިމޭޖަސް

ހިޑިންކް ފާހަގަ ކުރެވިފައިވަނީ ރީތި ފުޓްބޯޅައެއް ކުޅުވާ ކޯޗެއްގެ ގޮތުގައެވެ. އެގޮތުން 1998 ގެ ވޯލްޑްކަޕްގައި ހޮލެންޑްގެ ގައުމީ ޓީމްލައްވައި އޭނާ ކުޅުވި ހިތްގައިމު ފުޓްބޯޅައަށް އެތައް ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

ހިޑިންކް ވަނީ ހޮލެންޑްގެ އިތުރުން ދެކުނު ކޮރެއާއަށާއި އޮސްޓްރޭލިއާ އާއި ތުރުކީއާއި ރަޝިއާއަށް ވެސް ކޯޗް ކޮށްދީފައެވެ.

2002 ވަނަ އަހަރު ވޯލްޑްކަޕްގައި ހިޑިންކް ވަނީ ދެކުނު ކޮރެއާގެ ކޯޗަކަށް ހުރެ ވޯލްޑްކަޕްގެ ހަތަރު ވަނަ އެޓީމަށް ހޯދައިދީފައެވެ.

comment ކޮމެންޓް