ބޭންކްތަކުގެ މައްސަލަތައް އިސްތިއުނާފު މަރުހަލާއާ އެކު ހަ މަސް ތެރޭ ނިންމާލެވޭނެ: ރައީސް

މެއި 28، 2015: ރ. އިފުރު އެއާޕޯޓު ހުޅުވުން: އިފުރު އެއާޕޯޓު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ----- ފޮޓޯ/ ރައީސް އޮފީސް

ކޯޓްތަކަށް ހުށައެޅޭ ބޭންކްތަކާ ގުޅުން ހުރި އެކިއެކި ބޮޑެތި މައްސަލަތައް އިސްތިއުނާފު މަރުހަލާއާ އެކު ހަ މަސް ތެރޭ ކުރިއަށް އޮތްތަނުގައި ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރ. އިފުރު އެއާޕޯޓް ހުޅުވުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިސް ފަނޑިޔާރުންނާއި މިސަރުކާރުން ދާދި އިހަށް ދުވަހަކު ވާހަކަ ދައްކާފައިވާ ކަމަށާއި ހަ މަސް ތެރޭ އިސްތިއުނާފު މަރުހަލާއާ އެކު އެފަދަ މައްސަލަތައް ނިންމައި ދިނުމަށް ފަނޑިޔާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ފަނޑިޔާރުން މިހާރު އެ މަސައްކަތް ކޮށްދެއްވަނީ، ފުރަތަމަ މަރުޙަލާގެ ކޯޓުން މައްސަލަ ނިމުމާއި އަދި އިސްތިއުނާފުގެ ދެ މަރްހަލާއަކީ، ޖުމްލަ ތިން ކޯޓުގެ މައްސަލަ، މިދެންނެވި މުއާމަލާތްތަކަށް، ހަ މަސް ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށް. މިއީ، ޝައްކެއް ވެސް ނެތް ގޮތުގައި، ބޭންކިން ސެކްޓަރަށް، އަދި ފައިނޭންޝަލް އިންޓާމީޑިއަރީޒަށް ދިވެހި ރާއްޖޭގެ ވިޔަފާރި، ބޭންކުން ލޯނުނަގާ ފަރާތްތަކަށް ލިބޭނެ ހަމަ ވަރަށް ރަނގަޅު މެސެޖަކަށް ވެގެންދާނެ." ރައީސް ޔާމީން ވިދާޅުވި އެވެ.

ދުނިޔޭގެ އެއްވެސް ތަނެއްގައި އެކަން މިހާ ކުރު މުއްދަތެއްގައި ނުކުރެވޭ ކަމަށާއި މި އަހަރުގެ ތެރޭގައި އެކަން ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން މިހާރު ނުހިނގާ ހުރި ބޮޑެތި މައްސަލަތައް، މި އަހަރުގެ ނިޔަލަށް، ހަ މަސް ދުވަހުގެ ތެރޭގައި ހުރިހާ މައްސަލައެއް ނިމިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަން އެގޮތަށް ތަންފީޒު ވުމުން އޭގެ ނަތީޖާ ފެނިގެންދާނީ ޓޫރިޒަމް ސެކްޓަރަށް ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ސަބަބުން އާ ލެންޑިން އަށް ދިއުމަށާއި ބޭރުން އާ ކެޕިޓަލް ގެނައުމަށް ބޭންކްތަކުން ޖެހިލުމެއް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިހާރު ކޯޓުތަކުގައި 10 އަހަރު ވެފައިވާ އެފަދަ މައްސަލަތައް އެބަހުރި ކަމަށާއި އެފަދަ ބޮޑެތި މުއާމަލާތްތަކަށް އެހާ ދުވަސްވާ ކަމަށްވާ ނަމަ އެއީ ރާއްޖޭގެ "އިންވެސްޓްމަންޓް" ގާނޫނަށް ކިތަންމެ ރަނގަޅު ބަދަލުތަކެއް ގެނަޔަސް އޭގެ ނަތީޖާއެއް ނުލިބޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް