ނުކުޅެދޭ ފަރާތްތަކާއި އެކަނިވެރި މައިންނަށް ރައީސްގެ ދެކަނބަލުން ހަނޑުލާއި ކަދުރު ބައްސަވަނީ

ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިއްޔެ ބައެއް ގޭގެއަށް ޒިޔާރަތް ކުރުމުގެ ތެރެއިން-- ފޮޓޯ: ފާތުމަތު އިބްރާހިމް އެފްބީ

ރަމަޟާން މަހަށް ދޭ ހަދިޔާއެއްގެ ގޮތުގައި މާލޭގައި ދިރިއުޅޭ ނުކޫޅެދުންތެރިކަން ހުންނަ ކުދިންނަށާއި އެކަނިވެރި މައިންނަށް، ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ހަނޑުލާއި ކަދުރު ބައްސަވަން ފަށައިފިއެވެ.

އެޕްރޮގްރާމް ފެއްޓުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިއްޔެ ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން އުޅޭ ދެ ގެއަކަށް ވަޑައިގެން އެކުދިންނަށް ހަދިޔާ ދެއްވާފައެވެ. އޭގެ ތެރޭގައި ހަނޑުލާއި ކަދުރުގެ އިތުރުން ކޮންމެ ކުއްޖަކަށް 2000 ރުފިޔާ ދެއްވިއެވެ.

މުލިއާގޭ ޑިރެކްޓަރު ފާތުމަތު ރަހުމާ ވިދާޅުވީ މާލޭގެ ހަ އަވަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެކަނިވެރި މައިންނަށް ރައީސްގެ ދެ ކަނބަލުން ރޯދަޔަށް ދެއްވައި ހަދިޔާ ކަމުގައިވާ ހަނޑުލާއި ކަދުރު ބެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"ޑިސެބިލިޓީ ކުދިންނަށް ލިބޭނީ 10 ކިލޯ ހަނޑޫ. އެކަނިވެރި މައިންނަށް ލިބޭނީ ފަސް ކިލޯ ހަނޑޫ. ދެން ކޮންމެ ބޭފުޅަކަށްވެސް ކަދުރު އެއް ކިލޯ ލިބޭނެ،" ރަހުމާ ވިދާޅުވިއެވެ.

ހަމައެއާއެކު ލިސްޓު ކޮށްފައިވާ ފަގީރުންނަށް ވެސް ހަނޑުލާއި ކަދުރު ރައީސްގެ ދެކަނބަލުންގެ ފަރާތުން ލިބޭނެ ކަމަށް ރަހުމާ ވިދާޅުވި އެވެ.

comment ކޮމެންޓް