ވިލާގެ މުއައްޒަފުންނަށް މުސާރަ ދޭން ފަށައިފި

އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ގާސިމް ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

ވިލާގެ މުއައްޒަފުންނަށް މުސާރަދޭން ފަށާފައިވާ ކަމަށް ވިލާ ގްރޫޕްގެ އެގްޒެކްޓިވް ޑިރެކްޓަރު ފިނޭންސް ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

'ސަން' އާއި ވާހަކަދއްކަވަމުން ޝިމާދު ވިދާޅުވީ 5000 ރުފިޔާއިން ދަށުގެ މުސާރަ ލިބޭ މުއައްޒަފުންނަށް އިއްޔެ މުސާރާދީފާވާ ކަމަށެވެ.

"އިއްޔެ އިން ފެށިގެން އަޅުގަނޑުމެން މުސާރަދޭން ފަށައިފިން. އެންމެ ފުރަތަމަ މުސާރަ މި ދެނީ އެންމެ ދަށުން ލިބޭ ކުދިންނަށް. މިއަދު މި ދޫކުރީ 10،000ރ އިން ދަށުން ލިބޭ މުސާރަ ލިބޭ މުއައްޒަފުންނަށް،" ޝިމާދު ވިދާޅުވިއެވެ. އެ އުސޫލުން މުސާރަ ދޫކުރަމުންދާނެ ކަމަށް ސިމާދު ވިދާޅުވި އެވެ.

މިދިއަ އަންގާރަ ދުވަހު ވިލާއިން ނެރުނު މެމޯ އެއްގައި ބުނެފައި ވަނީ ވިލާގައި މުއައްޒަފުންނަށް ވޭތުވެދިއަ މަހުގެ މުސާރަދެވޭނެ ވަކި ދުވަހެއް ނޭނގޭ ކަމަށެވެ. ނަމަވެސް މުސާރަ ދިނުމަށް ކެނޑިނޭޅި މަސައްކަތްކުރާ ކަމަށް ވެސް އެ މެމޯގައިވެ އެވެ.

ޝިމާދު ވިދާޅުވީ ވިލާގެ އެއްވެސް ސީނިއާ މުއައްޒަފަކަށް އަދި ފާއިތުވި މަހުގެ މުސާރަ ދީފާ ނުވާ ކަމަށެވެ.

"އަޅުގަނޑު ވެސް އަދި މުސާރަ ނުނަގަން،" ސިމާދު ވިދާޅުވި އެވެ.

މީރާ އިން މިހާރު ވަނީ ވިލާ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ 1.4 ބިލިއަން ރުފިޔާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނީގެ ބައެއް އެކަންޓްތައް ފުރީޒް ކޮށްފަ އެވެ. ނަމަވެސް ވިލާ ކުންފުނިން ބުނަނީ މީރާ އަށް ދައްކަންޖެހޭ ފައިސާ އެއް ނޯންނާނެ ކަމަށެވެ. މީރާ އިން ވިލާގެ އެކައުންޓްތައް ފްރީޒް ކުރިއިރު އެ އެކައުންޓްތަކުގައި ފައިސާނެތެވެ.

comment ކޮމެންޓް