ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް މުއްދަތު އިތުރުކޮށްފި

ވިލާ ކޮލެޖު: އެ ކޮލެޖުގެ ޖަނަވަރީ މަހުގެ އިންޓޭކަށް ކުރިމަތިލުމުގެ މުއްދަތު ވަނީ އިތުރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލާ ކޮލެޖުގެ މި އަހަރުގެ ޖެނުއަރީ އިންޓޭކަށް ފޯމު ހުށަހެޅުމުގެ މުއްދަތު، މި މަހުގެ ހަވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

ޖުމުލަ 190 ކޯހާއި އެކީ ޖެނުއަރީ މަހުގެ ފަހު ހަފުތާގައި ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ މި އިންޓޭކަށް ކުރިމަތިލުމުގެ ފުރަތަމަ މުއްދަތު ހަމަވީ ނިމިދިޔަ ޑިސެމްބަރު މަހުގެ 23ގައެވެ.

ނަމަވެސް، ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ވިލާ ކޮލެޖުން ވަނީ އެ މުއްދަތު މި ހަފުތާގެ ހޮނިހިރު ދުވަހާ ހަމައަށް އިތުރުކޮށް، އެކަން އިއުލާނުކޮށްފައެވެ.

ސެޓްފިކެޓް ލެވަލުން ފެށިގެން މާސްޓާސް ޑިގުރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާފައިވާއިރު، މީގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ސެޓްފިކެޓް ދޫކުރާ ކޯސްތަކާއި، އިނގިރޭސިވިލާތުގެ ޔުނިވާސިޓިކުގެ ކޯސްތައް ހިމެނެއެވެ.

ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް އެ ކޮލެޖުގެ ވެބްސައިޓު މެދުވެރިކޮށް އެޕްލައިކުރެވޭނެއެވެ.

މާލޭގައި ހުންނަ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގެ އިތުރުން، ވިލާ ކޮލެޖުގެ ނައިފަރު ކެމްޕަސް، ގަން ކެމްޕަސް، މަހިބަދޫ ކެމްޕަސް، ހިތަދޫ ކެމްޕަސް އަދި ކުޅުދުއްފުށީ ކެމްޕަހުގައި ވެސް މި ކޯސްތައް ފެށުމަށް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް