ފުލައިމީއިން ދެ މަންޒިލް ފިޔަވާ އިތުރު މަންޒިލްތަކުގެ ދަތުރުތައް ހުއްޓާލައިފި

ފުލައިމީގެ މަތިންދާ ބޯޓެއް-- ސަން ފައިލް ފޮޓޯ

ވިލާ ގުރޫޕުން ހިންގާ ފުލައިމީއިން އދ. މާމިގިއްޔާއި ބ. ދަރަވަންދޫއަށް ކުރާ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލައިފިއެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު ސަން އަށް ވިދާޅުވީ އެދެ މެންޒިލް ފިޔަވާ އިތުރު އެއާޕޯޓްތަކަށް ކުރަމުންދިޔަ ދަތުރު ފުލައިމީއިން ހުއްޓާލަން ޖެހިފައިވަނީ މިހާރު ދިމާވެފައިވާ މާލީ ދަތުތަކުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ދެން ފުލައިމީގެ ޝެޑިއުލް ދަތުރުތައް އޮންނާނީ މާމިގިއްޔާއި ދަރަވަންދޫއަށް އެކަނި ކަމަށް ވިދާޅުވިއެވެ.

"މިވަގުތަށް އަޅުގަނޑުމެން މެދުކަޑާލީ، އަޅުގަނޑުމެންގެ ހާލަތު ހުރިގޮތުން ވަރަށް ބޮޑަށް އޮޕަރޭޝަން ކުޑަކުރަންޖެހިގެން، މާމިގިއްޔާއި ދަރަވަންދޫއަށް ދަތުރު ކުރެވޭތޯ މިބަލަނީ،" ރިލްވާން ވިދާޅުވިއެވެ.

މަދުމަދުން އެހެން އެއާޕޯޓްތަކަށްވެސް ދަތުރުތައް ދާނެ ކަމަށް ރިލްވާން ވިދާޅުވިއެވެ.

ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ މާލީ ހާލަތު ދަށްވެ އެކުންފުނީގައި މަސައްކަތްކުރާ 5000 އަށް ވުރެ ގިނަ މުއައްޒިފުންނަށް މުސާރަ ދެވޭނެ ވަކި ދުވަހެއް ބުނަން ނޭނގޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މީރާ އިން މިހާރު ވަނީ ވިލާ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ 1.4 ބިލިއަން ރުފިޔާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނީގެ ބައެއް އެކަންޓްތައް ފުރީޒް ކޮށްފަ އެވެ. ނަމަވެސް ވިލާ ކުންފުނިން ބުނަނީ އެއެކައުންޓްތަކުގައި ފައިސާ ނުހުންނާނެ ކަމަށެވެ.

comment ކޮމެންޓް