މެއި 1ގައި ބާއްވާ ހަރަކާތް ސުލްހަވެރި ކަމަށް ނުބެލެވޭ: ފުލުހުން

އެމްޑީޕީގެ އިސްވެރިންނާއެކު މިއަދު ފުލުހުން ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ޕޮލިސް

އަންނަ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ނިންމާފައިވާ ހަރަކާތާ ގުޅޭ ގޮތުން "އިވޭ އަޑުތަކަށާއި ފެންނަ މަންޒަރުތަކަށް" ބަލާއިރު އެ ހަރަކާތަކީ ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ރާވަމުން ގެންދާ ހަރަކާތެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

އެމްޑީޕީގެ އިސް ވެރިންނާއެކު މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކުގައި ތަފާތު ގޮތް ގޮތަށް އިންޒާރުގެ ބަސްތައް ދެމުން ގެންދާ ކަމަށާއި ޚާއްޞަކޮށް ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން އެފަދަ މޭރުމުން ވާހަކަ ދައްކަވަމުން ގެންދަވާކަން ވެސް ފާހަގަކުރެވޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ މިހާރު ބައެއް ފަރާތްތަކުގެ ވާހަކަތަކަށް ބަލާއިރު ދިވެހިންގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ވާހަކަތައް ވެސް ދައްކަވަމުން ގެންދާ ކަމަށެވެ. އަދި ވިދާޅުވީ އެހެންނަމަވެސް އެފަދަ ކަންތައްތަކަށް ފުލުހުން އެއްވެސް ގޮތަކަށް ފުރުޞަތު ނުދެއްވާނެ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ޕާޓީތަކުން ޝުޢޫރު ފާޅުކުރުމަށް ހިންގާ ހަރަކާތްތަކުގައި އެ ހަރަކާތެއް ހިނގަމުންދާއިރު އެ ހިނގަމުންދާ ހަރަކާތެއްގެ ޒިންމާ ނަގާނެ މީހަކު ނުވަތަ ބަޔަކު ރަނގަޅަށް ސާފުކޮށް އެންގުން މުހިއްމު ކަމަށެވެ. އަދި އެއްވެސް ކަމަކާމެދު މަޝްވަރާ ކުރަން ބޭނުންވެއްޖެ ހިނދެއްގައި އެފަދަ ފަރާތްތަކާއެކު މަޝްވަރާކުރެވިގެން ކަންކަން ނިމިގެން ދިއުމަކީ އެންމެ މަސްލަޙަތު ހުރި ގޮތްކަމަށް ދެކިލައްވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ މެއި މަހުގެ 1 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތަކީ އަދާލަތު ޕާޓީގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތެއް ކަމަށާއި އެ ހަރަކާތުގައި ބައިވެރިވުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ޢަލީ ވަޙީދު އިތުރަށް ވިދާޅުވީ ޤާނޫނު ނެގެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން އެބޭފުޅުންގެ ފަރާތުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އަދި ވިދާޅުވީ، މެއި 1 ގައި ހިންގުމަށް ރާވާފައިވާ ހަރަކާތުގައި ޤާނޫނީ އިމުން ބޭރުން އެބޭފުޅުން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ބޭފުޅުންނާއެކު ފުލުހުން މިއަދު ބޭއްވި ބައްދަލުވުން: ފޮޓޯ/ ޕޮލިސް

އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީއާ އެކު ވެސް ފުލުހުން ވަނީ ބައްދަލުކޮށްފަ އެވެ.

އެބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ މެމްބަރު ސޮބާހު ރަޝީދު ވިދާޅުވީ މޭ 1 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ޙަރަކާތްތަކުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ސަލާމަތީ ބާރުތަކާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ.

comment ކޮމެންޓް