ރިޔާސަތު މޭޒު ކައިރިއަށްދާ މެމްބަރުންގެ ކޮމިޓީ އެލަވަންސް އުނިކުރަން މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް އިދިކޮޅު މެމްބަރުންތަކެއް މަޖިލީހުގެ ރިޔާސަތާއި އިދާރީ މޭޒު ކައިރީގައި: ސަން ފައިލް ފޮޓޯ

މަޖިލީހުގެ ރިޔާސަތުގެ ހުއްދަ ނެތި މަޖިލީހުގެ އިދާރީ މޭޒާއި ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގަންނަވާ މެމްބަރުންގެ ކޮމިޓީ އެލަވަންސުން ބައެއް އުނި ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފި އެވެ.

ކޮމިޓީ އެލަވަންސް އުނިކުރެވޭ އިސްލާހު މަޖިލީހުން ފާސްކުރީ 42 މެމްބަރުން ވޯޓު ދެއްވައިގެން ނެވެ.

މަޖިލީހުގެ ގަވާއިދުގެ 51 ވަނަ މާއްދާ އަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ރިޕޯޓުގައި ބުނެފައި ވަނީ މަޖިލީހުގެ ޖަލްސާއެއް ނުވަތަ މަޖިލީހުގައި ވޯޓެއް ނަގަމުންދާ ވަގުތެއްގައި ރިޔާސަތުގެ ހުއްދަ ނެތި ރިޔާސަތުގެ މޭޒު ކައިރިއަށާއި މަޖިލީހުގެ އިދާރީ މޭޒު ކައިރިއަށް ނުދެވޭނެ ކަމަށެވެ.

ހުއްދަ ނެތި ރިޔާސަތުގެ މޭޒު ކައިރިއަށާއި މަޖިލީހުގެ އިދާރީ މޭޒު ކައިރިއަށް ވަޑައިގަންނަވާ މެމްބަރެއްގެ އެ މަހުގެ ކޮމިޓީތަކުގެ ހާޒިރީ އިން 55 ޕަސެންޓް އުނި ކުރާނެ ކަމަށާއި ކުރިއަށް އޮތް ތިން މަހު މަޖިލީހުގެ އެއްވެސް ދަތުރެއްގައި ބައިވެރިނުވެވޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ މެމްބަރަކާ މެދު އެފަދަ ފިޔަވަޅެއް އަޅައިފި ނަމަ އެ މެމްބަރަކު ހިންގި އަމަލަށް މައާފަށް އެދި ރައްޔިތުންގެ މަޖިލީހުގައި އެ މެމްބަރަކަށް އެދެވިދާނެ ކަމަށެވެ. އެފަދަ މެމްބަރަކާ މެދު ފިޔަވަޅެއް އެޅުމަށް ސުލޫކީ ކޮމިޓީން ނިންމައިފި ނަމަ އެ ނިންމުން ނިންމާތާ 10 ދުވަހުގެ ތެރޭގައި އެ ކޮމިޓީގެ ނިންމުން މުރާޖާ ކޮށްދިނުމަށް އެދި އެ މައްސަލައެއް ކޮމިޓީއަށް ހުށަހެޅުމުގެ ހައްގު ކޮންމެ މެމްބަރަކަށް ވެސް ލިބިގެންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

"އެފަދަ އަމަލެއް މެމްބަރަކު ކުރިކަން ކޮމިޓީ އަށް ސާބިތުވެފައި ވަނިކޮށް ދެ ވަނަ ފަހަރަށް އެފަދަ އަމަލެއް މެމްބަރަކު ތަކުރާރު ކޮށްފި ނަމަ އެ މެމްބަރަކާ މެދު އެޅޭ ފިޔަވަޅުތައް ވެސް ތަކުރާރުވާނެ،" އިސްލާހުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މެމްބަރެއްގެ ނަން އިއްވުމަށް ފަހު އެ މެމްބަރެއް މަޖިލީހުގެ ޖަލްސާ ދޫކޮށް ނުގޮސްފި ނަމަ އެ މެމްބަރެއްގެ އެ މަހެއްގެ ކޮމިޓީތަކުގެ ހާޒިރީން 55 ޕަސެންޓް އުނިކުރާނެ ކަމަށެވެ. އަދި ތިން މަސް ދުވަސް ވަންދެން މަޖިލީހުގެ އެއްވެސް ދަތުރެއްގައި ބައިވެރިނުވެވޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް 62،500 ރުފިޔާގެ މުސާރައިގެ އިތުރުން ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. ކޮމިޓީ އެލަވަންސް ދެނީ ކޮމިޓީތަކުގެ ހާޒިރީން 75 ޕަސެންޓަށް ވުރެ މަތިން ހޯއްދަވައިގެން ނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް