މީހުން ޓްރެފިކް ކުރުން ހުއްޓުވާ މުއާހަދާއެއްގައި ސޮއިކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ސަން ފައިލް ފޮޓޯ

މީހުން ޓްރެފިކް ކުރުމުގައި އެކަށީގެންވާ އަދަބު ދޭ ބައިނަލްއަގުވާމީ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވާން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.

އެ މުއާހަދާގައި ބައިވެރިވުމަށް ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ 48 މެމްބަރުންގެ އިއްތިފާގުން ނެވެ.

ގާނޫނު އަސާސީގެ 93 ވަނަ މާއްދާގައި ވަނީ ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލު ކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސްކުރުމަށްފަހު އަދި އެ މުއާހަދާއަކާ ގުޅޭގޮތުން މަޖިލީހުން ގޮތެއް ނިންމުމުން ކަމަށެވެ.

އެ މުއާހަދާ އަކީ މީހުން ޓްރެފިކްކުރާ ފަރާތްތައް، ޅާއްސަކޮށް އަންހެނުންނާ ކުޑަކުދިން ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި އެގައުމުތަކުންނާއި ޓްރާންސިޓު ގައުމުތަކުން އަދި ޑެސްޓިނޭޝަނަލް ގައުމުތަކުން ގެންގުޅޭނެ އަދި ބައިނަލް އަގުވާމީ ގޮތުން ބަލައިގަންނަ އޮނިގަނޑެއް ތައްޔާރުކުރުމުގެ މުހިއްމުކަމެެއްގެ މައްޗަށް ބިނާކޮށް އެފަދަ މީހުން އެކަށޭނެ އަދަބު ދިނުމުގެ ގޮތުން އުފައްދާފައިވާ މުއާހަދާއެކެވެ.

ޓްރެފިކު ކުރާ ފަރާތްތަކަށް ގެއްލުން ލިބޭ ނުވަތަ އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަންދީ އެފަރާތްތަކުގެ އަސާސީ އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އެ މުއާހަދާގެ ދަށުން ބާރު އަޅާނެ އެވެ.

ފޮރިން މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހަށް އެ މުއާހަދާއާ ގުޅޭ ގޮތުން ފޮނުއްވާފައިވާ ސިޓީގައި ވަނީ ހިއުމަން ޓްރެފިކިންގެ މައްސަލައަކީ ރާއްޖޭގައި އާންމުވަމުންދާ ގައުމީ ފެންވަރުގައި އެކަމަށް ހައްލެއް ބޭނުންވެފައިވާ މައްސަލައެއް ކަމަށެވެ. އެމެރިކާގެ ސްޓޭޓު ޑިޕާޓުމަންޓުން އަހަރަކު އެއްފަހަރު ޝާއިއުކުރާ "ޓްރެފިކިން އިން ޕާސަންސް" ރިޕޯޓުގައި ވިދިވިދިގެން ދެ ފަހަރު ރާއްޖެ ވަނީ ހިމެނިފައި އެވެ.

އެ މުއާހަދާގެ ދަށުން މީހުން ޓްރެފިކް ކުރުމުގެ އަމަލުތައް ހުއްޓުވުމަށް ގައުމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރެވޭނެ އެވެ. އެގޮތުން ކޮންމެ މެމްބަރު ގައުމަކުން ވެސް ޓްރެފިކިންގެ އަމަލުތައް ހުއްޓުވުމަށްޓަކައި ޕޮލިސީތައް އެކުލަވާލާ ޕްރޮގުރާމްތައް ހިންގަން ޖެހެ އެވެ. އެގޮތުން މަދަނީ ޖަމިއްޔާތަކާ ގުޅިގެން އާންމު ރައްޔިތުން ހޭލުންތެރި ކުރުމުގެ ތަފާތު ޕްރޮގުރާމުތަކާ ތަފާތު މީޑިއާ ކެމްޕޭނުތައް އެ މުއާހަދާގެ ދަށުން ކުރަންޖެހެ އެވެ.

މުހާދާގެ 11ވަނަ މާއްދާގެ ދަށުން ކޮންމެ މެމްބަރު ގައުމަކުން ވެސް ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފުނުވާ ގޮތެއްގެ މަތީން ޓްރެފިކިންގެ އަމަލުކުރާ ފަރާތްތައް ދެނެގަތުމަށްޓަކައި ބޯޑާ ކޮންޓްރޯލް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ.

އެގޮތުން މުއާހަދާގައި ބަޔާންކުރާ ކުށްތައް ކުރުމުގައި ވިޔަފާރި އުޅަނދުތައް ބޭނުންކުރުން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަޖެހޭ އިސްލާހުތައް ގެންނަންޖެހެ އެވެ. އަދި އެގައުމެއްގެ ސަރަހައްދަށް ވަންނަ ވިޔަފާރި އުޅަނދުތަކާއި އެ އުޅަނދުތަކުގެ ވެރިފަރާތްތަކަށް "ޓްރެވަލް ޑޮކިއުމަންޓްސް" ގެނައުން އެ މުއާހަދާގެ ދަށުން ލާޒިމް ކުރެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް