ބައެއް މަގުތަކުގައި ހެލްމެޓް އަޅައިގެން ސައިކަލް ދުއްވަން ޖެހޭ ގޮތަށް ހުށަހެޅި ބިލް ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ސަން ފައިލް ފޮޓޯ

ހައުސިން މިނިސްޓްރީ އިން ކަނޑައަޅާ މަގުތަކުގައި ހެލްމެޓް އަޅައިގެން ސައިކަލް ދުއްވަން ޖެހޭ ގޮތަށް ކަނޑައެޅުމަށް ޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފި އެވެ.

ބައެއް މަގުތަކުގައި ހެލްމެޓް އަޅައިގެން ސައިކަލް ދުއްވަން ޖެހޭ ބިލް ކޮމިޓީ އަށް ފޮނުވަން ފާސްކޮށްފައި ވަނީ 47 މެންބަރުންގެ ވޯޓާ އެކު އެވެ. އެ ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވާފައިވެ އެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތުމާ އެކު އިތުރަށް ދިރާސާކުރުމަށް އިގްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ހައުސިން މިނިސްޓްރީ އިން އެކަމަށް ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ މަގުމަތަކުގައި ދެފުރޮޅުލީ އެއްގަމު އުޅަނދު ދުއްވަން ވާނީ ހެލްމެޓު އަޅައިގެން ކަމަށެވެ.

އެބިލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޒިޔާޒު ވިދާޅުވީ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ މިފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެކްސިޑެންޓުތައް ހިނގައި ގިިނަ އަދަދަކަށް މީހުންގެ ފުރާނަ ގޮސް، ބައެއް މީހުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުކުޅެދޭ މީހުންނަށް ވަމުންދާތި ކަމަށެވެ.

އެފަދަ އިސްލާހެއް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ އިރު މިދިޔަ އަހަރާއި މިއަހަރު ހިނގި ތަފާތު އެކި އެކްސިޑެންޓުތަކުގައި އައްޑޫ ސިޓީގައި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް