ހެއްކާބެހޭ ގާނޫނާއި ޖިނާއީ އިޖްރާތު ގާނޫނު ނިންމަވައިދެއްވުމަށް އޭސީސީގެ ރައީސް އެދިވަޑައިގެންފި

އޭސީސީގެ ރައީސް ހަސަން ލުތުފީ -- ސަން ފައިލް ފޮޓޯ

ހެއްކާބެހޭ ގާނޫނާއި ޖިނާއީ އިޖްރާތު ގާނޫނު ވީހާވެސް އަވަހަށް ނިންމަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކިބައިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ އެދިވަޑައިގެންފިއެވެ.

ގައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ލުތުފީ ވިދާޅުވީ، ގާނޫނީ ނިޒާމުގެ ދޯހަޅި ކަމުގެ ސަބަބުން މައްސަލަތައް ތަހުގީގުކޮށް ކުށް ސާބިތު ކުރުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ. އަދި އެފަދަ އެތައް ފޯރަމެއްގައި، ހެއްކާބެހޭ ގާނޫނާއި ކްރިމިނަލް ޕްރޮސީޖާ ކޯޑުގެ ވާހަކަ ފާހަގަކުރައްވާފައި ވާކަމަށް ލުތުފީ ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރިންގެ ކިބައިން އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު އެދެނީ ހެއްކާބެހޭ ގާނޫނާއި ކްރިމިނަލް ޕްރޮސީޖާ ކޯޑު ވީހާވެސް އަވަހަށް ނިންމަވައި ދެއްވުމަށް،" ލުތުފީ ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމުގެ ބިލެއް މީގެ ދެއަހަރު ކުރިން ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް ގާނޫނަކަށް ވެގެން އެބިލު އައިސްފައިނުވާ ކަމަށެވެ. އަދި އެބިލު ގާނޫނަކަށް ހައްދަވައި އޭސީސީއަށް މަސައްކަތް ކުރެވޭނެ ފަހި މާހައުލެއް ގާއިމްކޮށްދެއްވުމަށް މަޖިލީހުގެ ކިބައިން ލުތުފީ ވަނީ އެދިވަޑައިގެންފައެވެ.

އާގާނޫނުލް އުގުބާތާ މެދު އޭސީސީގެ ކަންބޮޑުވުންތައް އޭޖީ އަށާއި ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ގެނެސްފައިވާކަން ފާހަގަކުރައްވައި، ލުތުފީ ވިދާޅުވީ، ބައެއް މީހުންނަށް ކުއްލި މުއްސަނދިކަން ލިބޭ މައްސަލަ ބަލައި ތަހުގީގު ކުރުން ގާނޫނުލް އުގޫބާތުގައި ހިމެނުމުން އެއްވެސް މީހަކަށް ލިބޭނެ ގެއްލުމެއް ދެރައެއް ނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނަޒާހާތްތެރި ކަމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ލުުތުފީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮރަޕްޝަނާ ދެކޮޅުކަން ބަހާ އަމަލުން ދައްކަންޖެހޭ. ހަމައެކަނި ވާހަކަ ދެއްކުމަކުން ނުފުދޭ،" ލުތުފީ ވިދާޅުވިއެވެ.

ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގު ކުރުމުގައި އޭސީސީއަށް ދިމާވާ ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތް ކޮށްދެއްވުމަށާއި ދައުލަތުގެ ލެޖިސްލޭޓިވް އެޖެންޑާގެ އެންމެ ކުރިއަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްތައް ކުރުމަށް ބޭނުންވާ ގާނޫނުތައް ހިމަނައި ދެއްވުމަށް އޭޖީގެ ކިބައިން ލުތުފީ ވަނީ އެދިވަޑައިގެންފައެވެ. އަދި އެ ގާނޫނުތައް ވީހާވެސް އަވަހަށް ފާސްކޮށްދެއްވުމަށް ލުތުފީ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިންވަނީ އެދިވަޑައިގެންފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ލުތުފީ ވަނީ އޭސީސީން ތަހުގީގު ކުރުމަށްފަހު ދައުވާ އުފުލަން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގައި ވީހާވެސް އަވަހަށް ގޮތްތަކެއް ނިންމަވައިދެއްވުމަށް ޕީޖީއަށް ވެސް އިލްތިމާސް ކުރައްވާފައެވެ.

"އަޅުގަނޑުމެން މިތިބީ ރާއްޖޭން ކޮރަޕްޝަން ނައްތާލުމަށް ދައުލަތުގެ އެހެން މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް. ކޮރަޕްޝަންގެ އަމަލުތަކަށް ނޫނެކޭ ބުނުމުގެ ހިތްވަރު އަޅުގަނޑުމެންގެ އެބަހުރި،" ލުތުފީ ވިދާޅުވި އެވެ.

މިއަހަރުގެ ގައުމީ އިނާމަށް ކުރިމަތިލީ މަދު ބައެއްކަން ފާހަގަ ކުރައްވައި، ލުތުފީ ވިދާޅުވީ، ނަޒާހަތްތެރި ކަމުގެ ގައުމީ އިނާމަށް ކުރިމަތިލާން ސަރުކާރުގެ ގިނަ މުއައްސަސާތަކުން ބޭނުންވި ނަމަވެސް އެކަން ކުރުމުގައި ދަތިތަކެއް ހުރިކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި އެކަން އިތުރަށް ދިރާސާ ކުރުމަށްފަހު، ނަޒާހަތްތެރި ކަމުގެ ގައުމީ އެވޯޑަކީ މިހާރަށް ވުރެ ވާދަވެރި އެވޯޑަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތައް އޭސީސީން ކުރާނެ ކަމަށްވެސް ލުތުފީ ވިދާޅުވިއެވެ.

އޭސީސީގެ ރައީސް ވިދާޅުވީ، އިސްލާމީ ބިންގަލުގެ މަތީގައި މިހާރުގެ ޖީލު ބިނާކޮށް އެގޮތުގައި ތަރުބިއްޔަތު ލިބިގެންދާނަމަ ކޮރަޕްޝަނަށް ނޫނެކޭ ބުނާ މުޖުތަމައުއެއް، އަދި ކޮރަޕްޝަނަށް ނޫނެކޭ ބުނާ ޖީލެއް ބިނާ ކުރުމަށް އޭސީސީން ކުރާ މަސައްކަތް ކާމިޔާބުވެގެންދާނެ ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބައިވެރިއެއް ކަމުގައިވުމަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ވިޔަސް އަދި އެއްވެސް ފަރުދަކު ވިޔަސް ފަސްޖެހޭނެ ތަނެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" ލުތުފީ ވިދާޅުވި އެވެ.

comment ކޮމެންޓް