ނިއުއާ ދެކޮޅަށް ވިކްޓަރީ ނުކުންނާނީ ދޭތިން އެކައްޗަށް: ނާދު

މިއަދުގެ ޕްރެސްގައި ވިކްޓްރީގެ ކޯޗް ނާދު ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ އަލީ ނަސީރު

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި މާދަމާ ރޭ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ވިކްޓްރީ ސްޕޯޓްސް ކްލަބް ނިކުންނާނީ ދޭތިން އެކަށްޗަށް ކަމަށް ވިކްޓަރީގެ ކޯޗް އަހުމަދު ނާޝިދު (ނާދު) ބުނެފިއެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބޭއްވި ޕްރީ މެޗް ޕްރެސްގައި ވާހަކަ ދައްކަމުން ނާދު ބުނީ، ސީޒަންގައި ކުރިއަށް ދިޔުމަށް މާދަމާގެ މެޗުން މޮޅުވެ އެ ތިން ޕޮއިންޓް ހޯދުން ވަރަށް މުހިންމު ކަމަށެވެ. ވިކްޓަރީން މާދަމާގެ މެޗު ކާމިޔާބު ކުރަން ޓާގެޓް ކުރި ނަމަވެސް، އެއީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށްވެސް ނާދުބުންޏެވެ.

"ނިއު ވަނީ މި އަހަރު ރާއްޖޭގައިވެސް، އަދި ރާއްޖޭން ބޭރުގައިވެސް ވާދަވެރި މެޗުތަކެއް ކުޅެފަ. ވިކްޓަރީގެ ތަމްރީނުތައް މި އަހަރު ފެށުނީ ވަރަށް ފަހުން. އެހެންކަމުން މި މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ. ނަމަވެސް ސީޒަންގައި ކުރިއަށް ދިޔުމަށް މި މެޗުން ތިން ޕޮއިންޓު ހޯދުން ވިކްޓަރީއަށް ވަރަށް މުހިންމު. މެޗަށް ނިކުންނާނީ ދޭތިން އެކައްޗަށް، ތިން ޕޮއިންޓް ހޯދަން،" ނާދު ބުންޏެވެ.

ވިކްޓަރީގެ ކޯޗުކަމާ ނާދު ހަވާލުވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ. އޭގެ ކުރިން ވެލެންސިޔާ އާއި އޭވައިއެލް އަށްވެސް ކޯޗުކަން ކޮށްދިން ނާދު ވިކްޓްރީގެ ކޯޗުކަމާ ހަވާލުވުމުން އެ ކްލަބްގެ މެނޭޖްމަންޓުން އޭނާއާ ހަވާލުކޮށްފައިވާ ޓާގެޓަކީ ލީގުގެ ގަދަ ހަތަރަކަށް ވުރެ ކުރިއަށް ދިޔުންކަން މިއަދު ނާދު ވަނީ ހާމަކޮށްފައެވެ.

"މިދިޔަ އަހަރު ވިކްޓަރީ ލީގު ނިންމާލާފައި ވަނީ ގަދަ ހަތަރެއްގައި އޮވެ. އެހެންކަމުން މެނޭޖްމަންޓުން މި އަހަރަށް ކަނޑައެޅި ޓާގެޓަކީ ހަތަރު ވަނައަށް ވުރެ މައްޗަށް ޖެހިލުން. ނަމަވެސް މި އަހަރު މުހިންމު ގިނަ ކުޅުންތެރިންތަކެއް ވަނީ ޓީމް ދޫކޮށްލާފަ. އަދި ޓީމަށް ރަނގަޅު ކުޅުންތެރިން ހޯދަންވެސް މި އަހަރު ދަތިވި. މިދިޔަ އަހަރު ވިކްޓަރީގައި އޮތީ ރަނގަޅު ސްކޮޑެއް. ނަމަވެސް މި އަހަރު މިދިޔަ އަހަރަށް ވުރެ ތަންކޮޅެއް ދަށްވުން އެކަށީގެން ވޭ،" ނާދު ބުންޏެވެ.

ނާދު ބުނީ، މެޗަށް ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ފިޓު ކަމަށާއި، ކަކާގެ އިތުރުން ޓީމަށް ގެނައި ބިދޭސީ އާ ދެ ކުޅުންތެރިންވެސް ތަމްރީނުތަކުގައި ވަނީ ރަނގަޅު ޕަރފޯމެންސެއް ދައްކާފައި ކަމަށެވެ. އަދި މާދަމާ ރޭގެ މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަ ނުދިނުމަށް އިސްކަން ދޭނެކަމަށްވެސް ނާދު ވަނީ ބުނެފައެވެ.

"ކަކާގެ އިތުރުން، ޓީމަށް ގެނައި އާ ބިދޭސީ ދެ ކުޅުންތެރިންވެސް ތަމްރީނުތަމުގައި ރަނގަޅު. މެޗަށް ޓީމުގައި އިންޖަރީގެ އެއްވެސް މައްސަލައެއް ނޫޅޭ. ނަމަވެސް މާދަމާ ރޭ ކުޅޭނީ ސީދާ އެޓޭކިންގް ގޭމެއް ނޫން. އެގޮތަށް ކުޅެފި ނަމަ ބައިކޮޅަށް ލަނޑެއް ވަނުން އެކަށީގެންވޭ، އެހެން ކަމުން މެޗުގައި ވިކްޓްރީ ބަލާނީ ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ލަނޑެއް ކާމިޔާބު ކުރެވޭތޯ،" ނާދު ބުންޏެވެ.

އޭގެ އިތުރުން މެޗް ޕްރެސްގައި ނިއުގެ ފަރާތުން ބައިވެރިވި އޮފިޝަލް، ހަސަން ހަމީދު (ޑަކޭ) އާ އެއްފަދައިން، ނާދު ވެސް ވަނީ މާދަމާ ރޭގެ މެޗަކީ ގަލޮޅާއި ހެންވޭރާ ދެމެދު ކުޅެވޭ މެޗެއްކަން ފާހަގަކޮށް، ވިކްޓަރީ ނިސްބަތްވާ ގަލޮޅުގެ ސަޕޯޓަރުންގެ ފަރާތުން ސަޕޯޓު ކުރުމަށް ދަނޑަށް ވަނުމަށް އެދިފައެވެ.

"މާދަމާ ރޭގެ މެޗަކީ ގަލޮޅާއި ހެންވޭރުގެ މެދުގައި ކުޅެވޭ މެޗެއް. މި ދެ އަވަށަކީ މީގެ ކުރިންވެސް ވަރަށް ވާދަވެރި ރޫހެއް އޮންނަ ދެ އަވަށްކަން ފާހަގަ ކުރަން. މި މެޗު ކާމިޔާބު ކުރުމަކީ އަވަށަށްވެސް ލިބިގެންދާ ރީތި ނަމެއް، އެހެންކަމުން ގަލޮޅުގެ ސަޕޯޓަރުން ވިކްޓަރީއަށް ސަޕޯޓް ކޮށްދިނުމަށް ދަނޑަށް ވަޑައިންދެއްވުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" ނާދު ބުންޏެވެ.

comment ކޮމެންޓް