ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް، ނިއުއަށް ފުރުސަތެއް ނެތް

ފުރަތަމަ ޑިވިޝަންގެ ޖާގައެއް ހޯދި ވިކްޓަރީ ސްޕޯޓްސް ކްލަބު -- ފޮޓޯ/ ސިޑިބަރި

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގައި ނިއުގެ މައްޗަށް ވިކްޓަރީން ކުރި ހޯދީ 2-0ގެ ނަތީޖާއަކުންނެވެ. ވިކްޓަރީން ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެފައިވާ އިރު، ނިއުއަށް ވަނީ ފުރުސަތު ގެއްލިފައެވެ.

މެޗުގެ 26 ވަނަ މިނެޓުގައި މޫސާ ޔާމިން (ޔާމްބެ) ދިން ބޯޅައަކުން ވިކްޓަރީއަށް ލީޑު ހޯދައިދިނީ ހުސައިން ފައިސަލްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0ގެ ނަތީޖާއަކުން ވިކްޓަރީ ކުރީގައި އޮވެގެންނެވެ.

ވިކްޓަރީގެ ދެވަނަ ގޯލު ފެނުނީ މެޗުގެ 67 ވަނަ މިނެޓުގައެވެ. ރީތި ކުޅުމަކާއެކު ތަނަވަސްކުރި ފުރުސަތަކުން ވިކްޓަރީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހިމް ރިޒްހާން (ރިޒްކޯ) އެވެ.

ވިކްޓަރީ އާއި ނިއު އަކީ ރާއްޖޭގެ ފުޓުބޯޅަ ތާރީޚުގައި މީގެ ކުރިން އެންމެ ވާދަވެރިކޮށް ފެނުނު ދެ ކްލަބެވެ. ފުރަތަމަ ޑިވިޝަންގައި އެތައް އަހަރަކު ވާދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދަމުންދިޔަ ނަމަވެސް, މާލީ މައްސަލަތަކާ ގުޅިގެން މީގެ ތިން އަހަރު ކުރިން ވިކްޓަރީ އާއި ނިއު ވަނީ ސަސްޕެންޑުކޮށްފައެވެ.

މިފަހަރުގެ ދެވަނަ ޑިވިޝަންގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމަށް ވެސް، ކޮލިފިކޭޝަން ބުރަކާ ނުލައި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ވިކްޓަރީގެ އިތުރުން ފުރަތަމަ ޑިވިޝަނަށް ދެން ޕްރޮމޯޓުވެފައިވަނީ ފައިނަލުގައި އަނެއްކޮޅުން ނުކުންނަ މަސްއޮޑި ސްޕޯޓްސް ކްލަބެވެ. މަސްއޮޑިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި ޓެންޓް ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ.

ދެވަނަ ޑިވިޝަންގެ ފައިނަލުގައި ވިކްޓަރީ އާއި މަސްއޮޑި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 3:30 ގައެވެ.

comment ކޮމެންޓް