ސިޔާސީ ދާއިރާއަށް މި ނުކުތީ ގައުމަށް ހިދުމަތް ކުރަން: ފާރިޝް

ފާރިޝް މައުމޫން:

ސިޔާސީ ދާއިރާ އަށް "ފުޅާކަން ބޮޑު ގޮތެއްގައި" ނުކުންނެވީ ގައުމަށް ހިދުމަތް ކުރަން ކަމަށް ޕީޕީއެމްގެ ދިއްގަރު ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރާޢްވާ ފާރިޝް މައުމޫން ވިދާޅުވެއްޖެ އެވެ.

"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ފާރިޝް ވިދާޅުވީ ދިއްގަރު ދާއިރާގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމެވީ ސަރުކާރު "ދެމެހެއްޓުމަށް" ކަމަށެވެ. އަދި ރައީސް ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތްކޮށް ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަކީ ދިއްގަރު ދާއިރާއަށް އޭނާ ކުރިމަތިލެއްވި ސަބަބު ކަމަށް އިކޮނަމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ވެސް ކުރައްވާ ފާރިޝް ވިދާޅުވި އެވެ.

"އަޅުގަނޑު މިހާރު މިދަނީ ދާއިރާގެ ރައްޔިތުންނަށް އަޅުގަނޑު ތައާރަފުވުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑުގެ އުއްމީދަކީ ދިއްގަރު ދާއިރާގެ އިންތިހާބު ކާމިޔާބު ކުރުން. ދެން އަޅުގަނޑު ސިޔާސީ ދާއިރާއަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި މި ނުކުތީ އަބަދުވެސް ބޭނުންވޭ ރައްޔިތުންނަށް ގައުމަށް ހިދުމަތް ކުރަން. މި ފުރުސަތަކީ ވަރަށް ރަނގަޅު ފުރުސަތެއް،" ފާރިޝް ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ ޕީޕީއެމްގެ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބޭއްވުމަށް އެ ޕާޓީ އިން ނިންމާފައިވާ އިރު ފާރިޝް ވިދާޅުވީ ޕްރައިމަރީ އަށް ކެމްޕެއިން ކުރުމަށް އެ މުއްދަތު ކުރު ނަމަވެސް އެއީ "މާ ބޮޑު މައްސަލައެއް ނޫން" ކަމަށެވެ. ޕްރައިމަރީއަށް ކެމްޕޭން ކުރުމަށް އޮތް މުއްދަތަކީ ހަމައެކަނި އޭނާ އަށް ލިބުނު މުއްދަތެއް ނޫން ކަމަށާއި އެ މުއްދަތަކީ ޕްރައިމަރީގައި ވާދަކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް ލިބުނު މުއްދަތެއް ކަމަށް ވެސް ފާރިޝް ވިދާޅުވި އެވެ.

"އެއީ ދެން މާ ބޮޑު މައްސަލައެއް ނޫން ދެއްތޯ. ޕްރައިމަރީގައި ވާދަކުރުމަށް އޮތް މުއްދަތު ކުރު ނަމަވެސް އެއީ ހަމައެކަނި އަޅުގަނޑަށް އޮތް ވަގުތެއް ނޫން. ހަމަ ހުރިހާ ބޭފުޅުންނަށް ވެސް އެ މުއްދަތުގައި ދެއްތޯ ކެމްޕެއިން ކުރައްވަން މި ޖެހެނީ. އަނެއްކާ އަޅުގަނޑުމެންގެ ޕާޓީގައި ވަރަށް ސާފުކޮށް ބުނެފައި އޮންނާނެ ޕްރައިމަރީއަކުންނޭ ޓިކެޓު ލިބޭނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެ ޕްރައިމަރީން ކާމިޔާބު ހޯދުމަށް މަސައްކަތް ކުރަމުން މި ދަނީ،" ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިޝް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅަކު އިންތިހާބު ކުރެއްވުމަށް ބާއްވާ ޕްރައިމެރީގެ ވޯޓުލުން އަންނަ ހުކުރު ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމާފައިވާއިރު ފާރިޝްގެ އިތުރުން އެ ދާއިރާއަށް ކުރިމަތިލާފައި ވަނީ މ. އަތޮޅު ކައުންސިލްގެ މެންބަރު މޫސާ ނަސީރު އަހުމަދާއި އެ ކައުންސިލްގެ ރައީސް މޫސާ ނަސީރާއި ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އިސްމާއިލް އާއި އެންވަޔަރުމަންޓް މިނިސްޓްރީގެ ނައިބުކަން ކުރައްވާ މުހައްމަދު ހާނިމު އެވެ.

ދިއްގަރު ދާއިރާގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ފަރާތްތަކުގެ މެދުގައި ކެންޑިޑޭޓް ނަމްބަރު ތަރުތީބު ކުރުމަށް ބާއްވާ ގުރުނެގުން މިރޭ 9:00 ގައި ޕީޕީއެމްގެ އޮފީހުގައި ކުރިއަށް ދާނެ ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ. އަދި އިންތިހާބުގައި ވޯޓުލުމަށް ރީ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދުންފެށިގެން އަންގާރަ ދުވަހުގެ ހަވީރު 4:00 ހަމައަށް ހުޅުވައިލެވިފައި ވާނެކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

ޕީޕީއެމުން ބުނީ ދިއްގަރު ދާއިރާގެ ޕްރައިޕެރީގެ ވޯޓުލުން ކުރިއަށް ދާނީ ހުކުރު ދުވަހުގެ މެންދުރު 2:00 އިން ފެށިގެން 5:00 ހަމައަށް ކަމަށެވެ. އެގޮތުން ރަތްމަންދޫ ފިޔަވައި ދިއްގަރު ދާއިރާގެ ހަތަރު ރަށުގެ އިތުރުން މާލޭގައި ވެސް ވޯޓުލުން ކުރިއަށް ދާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.

comment ކޮމެންޓް