އެކުގައި މަސައްކަތްކުރާ ފަރާތްތަކަށް ގިނަ ކަންތައްތައް ކޮށްދެވޭނެ: މިނިސްޓަރު މުއިއްޒު

ފ. މަގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ: އާދަމް ނަޒީރު

އެކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ގިނަ ކަންތައްތަކެއް ކޮށްދެވޭނެ ކަމަށާއި އެގޮތުން ސަރުކާރު ކޯލިޝަނަށް ފުރިހަމަ ގޮތުގައި އެއްބާރުލުން ދެއްވައިފި ނަމަ ކަންތައްތައް ވުމަށް ފަސޭހަވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ އެކުގައި މަސައްކަތް ކުރާ ބަޔަކަށް ގިނަ ކަންތައްތަކެއް ކޮށްދެވުމަކީ ތަބީއީ ގޮތުން ވެސް އެކަންކަން ވާނެ ގޮތް ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން ކަމަށެވެ.

"އާދެ މިކަންތައްތައް ވެގެން މިދަނީ އަޅުގަނޑު މިދެންނެވި ފަދައިން ސަރުކާރާއެކު ރައްޔިތުން މިކަންތައްތައް ކުރުމަށް ތިބޭތީވެ. ސަރުކާރަށް އެއްބާރުލުން ނުދީ، މޫނު އަނބުރާލައި އެހެން ވިސްނުމެއްގައި މަސައްކަތް ކުރާނަމަ އަޅުގަނޑުމެންނަށް ކަންތައްތައް ކޮށްދިނުމުގައި އުނދަގުވާނެ. އެހެންނަމަވެސް ސަރުކާރުން އޮންނާނީ ވަކި ތަފާތު ކުރުމެއް ނެތި ފުރިހަމަ ގޮތުގައި ކުރިއަށް ދިއުމުގައި. އެހެންނަމަވެސް ފަސޭހަ ވެގެންދާނެ އެކުގައި މަސައްކަތް ކުރާނަމަ،" މުއިއްޒު ވިދާޅުވިއެވެ.

ފ. މަގޫދޫ ބަނދަރު ހެދުމުގެ ރަސްމިއްޔާތަށް ހައުސިން މިނިސްޓަރު މުއިއްޒާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މަގޫދުއަށް އަރާވަޑައިގަންނަވަނީ-- ސަން ފޮޓޯ: އާދަމް ނަޒީރު

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު މަގޫދުއަށް ވަޑައިގަތުމުގެ ކުރިން ފ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު ކުރި ޒިޔާރަތުގައި ހިނގައިދިޔަ ކަމެއްގެ ސަބަބުން ނެވެ.

ފ. ބިލެތްދުއަށް އެމަނިކުފާނު ވަޑައިގަނެ ކައުންސިލާ ބައްދަލުކުރެއްވުމަށް އުޅުމުން ކައުންސިލުން ވަނީ އެކަމާ އިންކާރު ކޮށްފައެވެ.

"ސަރުކާރަކުން މިފަދަ ކަންކަމަކާ ކަންބޮޑެއް ނުވޭ. މިފަދަ ކަންކަމުން އަޅުގަނޑުމެންނަށް ލިބޭނީ އިތުރު ހިތްވަރު. އަޅުގަނޑުމެން ދާނީ ކުރިއަށް. އަޅުގަނޑުމެން މިއުޅެނީ ކައުންސިލަށް ހިދުމަތް ކުރާކަށް ނޫން. ރަށުގެ ރައްޔިތުންނަށް ހިދުމަތް ކުރުމަށް. ކައުންސިލުން އެކަން އެގޮތަށް ކުރި ކަމުގައި ވި ނަމަވެސް އަޅުގަނޑުމެން ރަށުގެ ރައްޔިތުންނަށް ތަރައްގީ ހޯދައިދޭން މަސައްކަތް ކުރާނަން. އަޅުގަނޑުމެންގެ މެނިފެސްޓޯ އަޅުގަނޑުމެން ތަންފީޒު ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

މަގޫދުއަށް ވަޑައިގަތުމުގެ ކުރިން މިނިސްޓަރު މުއިއްޒު ވަނީ ފ. ނިލަންދުއާއި ދަރަނބޫދޫގެ އިތުރުން ބިލެތްދުއަށް ވެސް ވަޑައިގެންފައެވެ.

comment ކޮމެންޓް