އުސޫލާ ޚިލާފަށް، އެއްވެސް ރައްޔިތަކު ހައުސިން ސްކީމަކުން ބާކީއެއް ނުކުރާނެ: ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓަރު ޑރ. ހައިދަރު -- ފޮޓޯ: އިންފިނިޓް މޯމެންޓްސް / އަބްދުﷲ ޝާތިއު

އުސޫލާ ޚިލާފަށް އެއްވެސް ރައްޔިތަކު ހައުސިންގެ އެއްވެސް ސްކީމަކުން ބަކީ ނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ގެދޮރިވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމާއި ގުޅުގެން މީސްމީޑިއާގައި ހައުސިން މިނިސްޓްރީއާއި މެދު އާންމުންގެ ހިތްތަކުގައި ނުބައި ތަސައްވަރު އުފައްދަމުންދާތީ، އެކަމާއި ގުޅިގެން މިއަދު އެ މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މި ސަރުކާރުގެ ވިސްނުމަކީ ވީހާ ވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.

އަދި އުސޫލާއި ޚިލާފަށް އެއްވެސް ރައްޔިތަކު މިއިން ސްކީމެއްގެ ދަށުން ބާކީ ކޮށްނުލާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށްދޭ ކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި މިއީ އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމާއި ގުޅިފައިވާ ވަރަށް ހައްސާސް މައްސަލެއް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އަދި މިއީ އެހާ ސީރިއަސް މައްސަލއަކަށްވާއިރުމިކަމުގައި މިނިސްޓްރީގެ ބަހެއް ނުހޯދައި ސިޔާސީ ބޭނުމަށް ހަގީގަތާއި ޚިލާފު ހަބަރު ނުފެތުރުމަށް ވެސް އެ މިނިސްޓްރީންވަނީ އިލްތިމާސް ކޮށްފައެވެ.

ކުރީ ސަރުކަރުން ކަނޑައެޅި ފުލެޓު ލިބޭ މީހުންގެ ލިސްޓުގައި ތިބި ބައެއް މީހުންގެ ނަންތައް މިހާރު ލިސްޓުން ކަނޑައިފައިވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އަންނަނީ ތަފާތު ޕޯސްޓުތައް ޝެއާ ކުރަމުންނެވެ.

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ 4،000 ފުލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވީ ކަމަށް ކަނޑައެޅި ބައެއް މީހުންނަށް ޕޮއިންޓު ދިނުމުގައި މައްސަލަތައް ހުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މައްސަލަ ބެލިއެވެ.

އަދި ކުރީ ސަރުކަރުން ކަނޑައަޅައިފައިވާ ލިސްޓުތަށް އިތުރަށް މުތާލިއާ ކުރަން ޖެހޭ ކަމަށް ވެސް މިއަދު ހައުސިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް