އޮލިމްޕިކް ކޮމިޓީން 10 އެތުލީޓަކަށް ސްކޮލާޝިޕް ދީފި

މިއަދު ޖެން ހޮޓެލްގައި އޮތް ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ

އެތުލީޓުން ތަމްރީން ކުރުމަށް ބޭރަށް ފޮނުވުމުގެ ގޮތުން "ރިއޯ 2016"ގެ ނަމުގައި އޮލިމްޕިކްސް ކޮމިޓީން 10 އެތުލީޓަކަށް ސްކޮލާޝިޕް ދީފިއެވެ.

މިއަދު ޖެން ހޮޓެލްގައި އޮލިމްޕިކް ކޮމިޓީން ބޭއްވި އަހަރީ އާންމު ޖަލްސާގައި ސްކޮލާޝިޕް ލިބިފައިވަނީ ހަތަރު އެސޯސިއޭޝަނެއްގެ 10 އެތުލީޓުންނަށެވެ. އެއީ އެތުލެޓިކްސް އާއި ބެޑްމިންޓަން އާއި ސްވިމިން އަދި ޓޭބަލް ޓެނިސް އިންނެވެ.

އެގޮތުން އެތުލެޓިކްސް އިން ވަނީ ދެކުދިން ހޮވާފައެވެ. އެއީ އަނާލް އަލީ އާއި ހުސައިން ރިޒާ އެވެ. ބެޑްމިންޓަން އިން ސްކޮލާޝިޕް ލިބިފައިވަނީ އައިމިނަތު ޝަހުރުނާޒް މޫސާ އާއި މުހައްމަދު އަޖްފާން ރަޝީދަށެވެ. މީގެއިތުރުން ޓޭބަލް ޓެނިސް އިން ސްކޮލް ލިބުނީ މުއީނާ މުހައްމަދާއި މޫސާ މުންސިރު އަހުމަދަށެވެ.

ސްވިމިން އިން ހަތަރު ފަރާތަކަށް ސްކޮލާޝިޕް ލިބިފައިވެއެވެ. އެއީ އައިޝަތު ސާޖިނާ އާއި އައިމިނަތު ސަޖަން އާއި ނިޝްވާން އިބްރާހިމް އަދި މުހައްމަދު މުއުތަސިމް އެވެ.

އޮލިމްޕިކްސް ކޮމިޓީން ބުނީ އެ ސްކޮލާޝިޕް ލިބުނު ކުދިންގެ ތެރެއިން ބައެއް ކުދިން މިހާރު ފުރާފައިވާ ކަމަށާއި މާދަމާވެސް އެއް އެތުލީޓެއް ފުރާނެ ކަމަށެވެ.

ވޭތުވެ ދިޔަ އަހަރު އޮލިމްޕިކް ކޮމިޓީން 31 އެތުލީޓުން ތަމްރީނުކުރަން ފޮނުވާފައިވެއެވެ.

comment ކޮމެންޓް