ގައުމީ މުބާރާތުގައި ދީމާ އާއި ޝައްފާނަށް ފުރިހަމަ ކާމިޔާބީއެއް

ރާއްޖޭގެ އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ -- ފޮޓޯ/ އިސްމާއިލް ތޯރިގް، އެމްއޯސީ

މިއަހަރުގެ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއީލް ފުރިހަމަ ކާމިޔާބީއެއް ހޯދައިފިއެވެ.

އެ މުބާރާތުގައި ދީމާ ހޯދި އެންމެ ބޮޑު ކާމިޔާބަކީ ފުރަތަމަ ޑިވިޝަންގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދުމެވެ. މިއީ ވިދިވިދިގެން އަންހެން ސިންގަލްސް ޗެމްޕިއަންކަން ދީމާ ހޯދި ހަތަރުވަނަ ފަހަރެވެ.

އޭގެ އިތުރުން 17 އަހަރުން ދަށުގެ ދެ އިވެންޓެއްގެ ޗެމްޕިއަންކަން ވެސް ދީމާ ހޯދިއެވެ. އެއީ 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަމުގެ އިތުރުން 17 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަމެވެ.

ފުރަތަމަ ޑިވިޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ދީމާ ހޯދީ ފައިނަލުގައި ފާތިމަތު ޖުމާނާ ބަލިކޮށްގެންނެވެ. އެ މެޗުން ދީމާ މޮޅުވީ ފަސޭހަކަމާއެކު ސީދާ ހަތަރު ސެޓުންނެވެ. މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 9-11، 6-11، 6-11 އަދި 5-11 އިންނެވެ.

ދީމާ 17 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މިޝްކާ މުހައްމަދު އިބްރާހިމް ބަލިކޮށްގެންނެވެ. އަދި 17 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން މިޝްކާއާއެކު ދީމާ ހޯދާފައިވަނީ ފައިނަލުގައި މިންހާ މަހުޖޫބު ޝުޖާއު އާއި މަލާކް ބިންތި މުއިއްޒުގެ ޕެއާ ބަލިކޮށްގެންނެވެ.

އައިއޯއައިޖީ 2023ގެ ޓީޓީ ސިންގަލްސް އިވެންޓުން ރިހި މެޑަލް ހޯދި ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއީލް -- ފޮޓޯ/ އިސްމާއިލް ތާރިގު، އެމްއޯސީ

އެ މުބާރާތުގެ ފުރަތަަމަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޝައްފާން ވެސް ވަނީ ދިފާއުކޮށްފައެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މޫސާ މުންސިފް އަހުމަދާ ވާދަކޮށް، 4-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ ސެޓު 11-8 އިން މުންސިފް ގެންދިޔަ ނަމަވެސް، ފަހު ހަތަރު ސެޓު ޝައްފާން ގެންދިޔައީ 6-11، 6-11، 6-11 އަދި 7-11 އިންނެވެ.

ޝައްފާން ވަނީ މުހައްމަދު ތާބިން ސުޖާއުއާއެކު ފުރަތަމަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދައިފައެވެ. އެ އިވެންޓުގެ ފައިނަލުގައި ޝައްފާނާއި ތާބިންގެ ޕެއާ ވަނީ މުންސިފާއި އަލީ އާދަމް މަނިކް (އަލިބެ)ގެ ޕެއާ ބަލިކޮށްފައެވެ.

މިކްސް ޑަބްލްސް އިވެންޓުގައި މުބާރާތުގެ އެންމެ ކާމިޔާބު ދެ ކުޅުންތެރިން ކަމަށްވާ ދީމާ އާއި ޝައްފާނަށް ލިބުނީ ދެވަނައެވެ. އެ އިވެންޓުގެ ޗެމްޕިއަންކަން ހޯދީ މުންސިފާއި ޖުމާނާގެ ޕެއާއެވެ.

comment ކޮމެންޓް