ދެ ބާވަތަކުން ޑިއުޓީ ކުޑަކޮށް، 11 ބާވަތަކުން ޑިއުޓީ ބޮޑުކޮށްފި

މިރޭ 12:00 އިން ފެށިގެން ޑިއުޓީއަށް ބަދަލު އަންނަ ތަކެތި-- ފޮޓޯ: ކަސްޓަމް

ސައިލަކަލުގެ ޑިއުޓީ ހިމެނޭ ގޮތަށް 13 ބާވަތެއްގެ ޑިއުޓީއަށް ބަދަލުގެނެސްފި އެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެވުނު ބަދަލަށް މިރޭ 12:00 ޖެހުމާއެކު އަމަލު ކުރަން ފެށުމުން 11 ބާވަތަކުން ޑިއުޓީ ވަނީ ބޮޑުވެފަ އެވެ. ޑިއުޓީ ކުޑަވަނީ ދެ ބާވަތަކުންނެވެ.

ކަސްޓަމުސް އިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާ މިއަދުން ފެށިގެން ޑިއުޓީއަށް ބަދަލު އަންނަ ބާވަތްތަކުގެ ތެރޭގައި ކުރިން 100 ޕަސެންޓް ޑިއުޓީ ނަގަމުން އައި ސައިކަލް ފަދަ ވެހިކަލްތަކުން 150 ޕަސެންޓުގެ ޑިއުޓީއެއް ނަގަން ވަނީ ފަށާފަ އެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ ސައިކަލްގެ ޑިއުޓީ 100 ޕަސެންޓަށް ވުރެ އިތުރުނުކޮށް ފޭރާމުގެ ޑިއުޓީ ނުނެގުމަށް ނިންމާފަ އެވެ.

ކަސްޓަމްސްގެ ސީނިއާ ސްޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު މިއަދު "ސަން"އަށް ވިދާޅުވީ އެ ދެބާވަތުގެ ޑިއުޓީ ބޮޑުނުކުރަން ސަރުކާރުން ފަހުން ނިންމާފައިވީ ނަމަވެސް އަދި އެ ގާނޫނަށް އިސްހާލު ގެނެވިފައި ނުވާތީ މިރޭ 12:00 އިން ފެށިގެން ޑިއުޓީ ނެގޭނީ ގާނޫނާ އެއް ގޮތަށް ކަމަށެވެ.

މިރެއިން ފެށިގެން ކުރިން 90 ލާރީގެ ޑިއުޓީއެއް ނަގަމުން އައި ސިނގިރޭޓަކުން 1.25 ރުފިޔާގެ ޑިއުޓީއެއް ނަގަން ނިންމާފައިވާ އިރު ކުރިން ސުން ރޭޓްގައި ޑިއުޓީ ނަގަމުން އައި ތެލުގެ ބާވަތްތަކުން 10 ޕަސެންޓްގެ ޑިއުޓީއެއް ނަގާނެ އެވެ. އަދި ކުރިން ޑިއުޓީ ނުނަގާ ސެންޓާއި ލަގްޒަރީ ކޮސްމެޓިކްސް އިން 20 ޕަސެންޓްގެ ޑިއުޓީއެއް ނަގާނެ އެވެ.

އެހެނިހެން ކޮސްމެޓިކްސް އިން ނަގަން ނިންމާފައި ވަނީ ފަސް ޕަސެންޓް ޑިއުޓީ އެވެ. ކުރިން 35 ޕަސެންޓްގެ ޑިއުޓީއެއް ނަގަމުން އައި ހެވީ ވެހިކަލްތަކުން 50 ޕަސެންޓުގެ ޑިއުޓީއެއް ނަގަން ނިންމާފައިވާ އިރު ފަސިންޖަރުން އުފުލާ ވެހިކަލްތަކުގެ ޑިއުޓީ 200 ޕަސެންޓަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ. އެއްގަމު ދުއްވާ އުޅަނދުފަހަރުގެ ސުޕެއާ އިން ކުރިން 35 ޕަސެންޓްގެ ޑިއުޓީއެއް ނަގާ އިރު އަލަށް ގެންނަ ބަދަލާއެކު 50 ޕަސެންޓް ޑިއުޓީގެ ގޮތުގައި ނަގަ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އާލާތްތަކުން 150 ޕަސެންޓުން ނަގަމުން އައި ޑިއުޓީ 200 ޕަސެންޓަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ.

މިއަދުން ފެށިގެން ޑިއުޓީ ކުޑަވާ ބާވަތްތަކަށް ބަލާ އިރު މިހާރު 25 ޕަސެންޓް ޑިއުޓީ ނަގަމުން އަންނަ ފަތުރުވެރިކަމުގެ ބޭނުމަށް ގެންނަ ކަނޑުގައި ދުއްވާ ލަގްޒަރީ އުޅަނދުފަހަރުން ޑިއުޓީ ނުނެގުމަށް ވަނީ ނިންމާފަ އެވެ.

ޑިއުޓީ ނުނެގޭ ބާވަތްތަކުގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި ސިއްހީ ފަރުވާއަށް ބޭނުންކުރާ ތަކެއްޗާއި ގެދޮރު އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ލިޔެކިޔުމަށް ބޭނުންކުރާ ތަކެއްޗާއި ފައިވާނާއި ބޫޓުގެ އިތުރުން ގޭތެރޭގައި ބޭނުންކުރާ އިލެޓްރިކް ސާމާނާއި ކޮމްޕިއުޓާ ފަދަ ތަކެތި ހިމެނެ އެވެ. ހަމަ އެހެންމެ ކުޅިވަރު ކުޅުމަށް ބޭނުންކުރާ ސާމާނާއި އިޔާދަކުރެވޭ ހަކަތަ އުފައްދަން ބޭނުންކުރާ ތަކެތި ހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް