އެއާޕޯޓް ޓާމިނަލްގެ މަސައްކަތް ފަށަން ވާންޖެހޭ ތައްޔާރީތައް ވާން އެމްޓީސީސީއާ ހަވާލުކޮށްފި

ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި ސޮއިކުުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި އާ ޓާމިނަލެއް ހެދުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި އެމްޓީސީސީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގައި އިއްޔެ ސޮއި ކުރި އެއްބަސްވުމުގެ ދަށުން ޓާމިނަލް އެޅުމަށް ޖާގަ ހުސްކުުރުމުގެ ގޮތުން ބައެއް އިމާރަތްތައް އެއާޕޯޓްގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި، އަލަން އިމާރަތްތައް ހެދުމާއި އަދި ވަގުތީގޮތުން ބޭނުންކުރާ އިމާރަތްތައް މަރާމާތު ކުރުން ހިމެނެއެވެ.

މި މަސައްކަތް ދެ ހަފްތާތެރޭ އެމްޓީސީސީ އިން ފަށަންޖެހެއެވެ. މަސައްކަތް ހަވާލުކޮށްފައި ވަނީ ފަސް މަސް ދުވަހުން ނިންމަންޖެހޭ ގޮތަށެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއު ނިމޭނެ ކަަމަށް ސަރުކާރުން ލަފާ ކުރަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދަނީ ފަސް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކަމަށާއި އޭގެ ތެރޭގައި ދެވަނަ ރަންވޭ އާއި ތެޔޮ ފާމުގެ އިތުރުން ޓާމިނަލް އެތައް ގުނައަކަށް ބޮޑުކުރުން ހިމެނޭ ކަމަށެވެ. އަދި އެ މަޝްރޫއަކީ 700 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް